މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، އެމެރިކާގެ މޮޑެލް އަދި ޓީވީ ތަރި، ހައިލޭ ރޯޑް އާއި ކައިވެނިކުރި ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ، އޭނާގެ ކައިވެނީގެ ހަޔާތުގެ "އެންމެ ބޮޑު އެއް ސިއްރު" މީޑިއާގައި ހާމަކޮށްފިއެވެ.

ކުރިޔަށް އޮތްތަނުގައި ނެރޭ އަލްބަމާއި ބެހޭ ގޮތުން އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖަސްޓިން ބީބާ އޭނާގެ ކައިވެނީގެ ހަޔާތާއި ގުޅޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައިވާއިރު، އޭނާ ބުނެފައިވަނީ އަލަށް ނެރޭ އަލްބަމް ވެގެންދާނީ ހަޔާތާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އަލްބަމަކަށް ކަމަށެވެ. މިއީ ޖަސްޓިން ބީބާ ކައިވެންޏަށްފަހު ނެރޭ ފުރަތަމަ އަލްބަމެވެ.

އުމުރުން 25 އަހަރުގެ ޖަސްޓިން ބީބާ އޭނާގެ ހަޔާތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ، އޭނާއަކީ މިހާރު މީހެއްގެ ފިރިއެއް ކަމަށާއި ކައިވެނި ކުރެވުމަކީ ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ. އަދި ހައިލޭ އާއި ކައިވެނި ކުރެވުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމުގައި އާއި ހައިލޭއަކީ "މީހަކަށް ލިބޭނެ އެންމެ ރީތި ބައިވެރިޔާ" ކަމަށެވެ.

ކައިވެނީގެ ހަޔާތަށް އަލި އަޅުވާލަމުން ހައިލޭއަށް ތައުރީފުކޮށް ޖަސްޓިން ބީބާ ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު އޭނާ ބުނެފައިވަނީ ދަސްކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި ދެން ނެރޭ އަލްބަމްގައި އަލިއަޅުވާލާފައިވާނީ އެފަދަ ކަންކަމަށް ކަމަށް އޭނާ ބުންޏެވެ. އަދި ހަމަ އެހެންމެ ދެމީހުންގެ ދެމެދުގައި އިތުބާރު އުފައްދައި އެގޮތުގައި ދެމެހެއްޓުން އަދި ކުރިޔަށް އޮތީ ކަމަށް އޭނާ ބުނެފައި ވެއެވެ.

މި ވާހަކަތަކަށް ގިނަ ބައެއްގެ ނަޒަރު މިހާރު ހުއްޓިފައިވާއިރު، ބައެއް މީހުން ވަނީ ޖަސްޓިން ހައިލޭ އާއި ކައިވެނިކުރީ ދެމީހުންގެ ދެމެދުގައި އިތުބާރު ނުއުފެދެނީސްތޯ ސުވާލުކޮށްފައެވެ.

ކައިވެނީގެ ހަޔާތުގައި ދެމަފިރިން ދެމެދުގައި އިތުބާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖަސްޓިން ބީބާ ބުނެފައިވާއިރު، އޭނާ އާއި ކައިވެނި ކުރިފަހުން ހައިލޭ ވަނީ ކައިވެނީގެ ޚަބަރު ދޮގުކޮށް ޓްވީޓެއް ވެސް ކޮށްފައެވެ. ނަމަވެސް އެ ޓްވީޓު ފަހުން ވަނީ ޑިލީޓްކޮށްލާފައެވެ. ހައިލޭ އާއި ޖަސްޓިން ބީބާގެ ކައިވެންޏަށްފަހު ކައިވެނީގެ ރަމްޒް ދައްކުވައިދޭ ފަދަ ރިންގެއް ވެސް ނާޅާ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީސްމީޑީއާގައި ވާހަކަ ދައްކާފައި ވެއެވެ.

ކައިވެންޏަށްފަހު ދިރިއުޅުމަށް ޖަސްޓިން ވަނީ 55 މިލިއަން ޑޮލަރުގެ ގެއެއްވެސް ގަނެފައެވެ. އަދި ޖަސްޓިން ދަނީ އޭނާގެ ރަށްވެހިކަން އެމެރިކާ އަށް ބަދަލު ކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ.