ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ހާލު ދެރަވެގެން ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕެލޭގެ ފިރިހެން ދަރިފުޅު އެޑީނިއޯ އާއި ހަވާލާދީ ބްރެޒިލްގެ ނޫހެއްގައި ބުނެފައިވަނީ، އޭނާގެ ހާލު ދެރަވުމުގެ ސަބަބުން މިހާރު އެކަނި ހިނގާބިގާ ވެސް ނޫޅެވޭ ކަމަށެވެ. ނަމަވެސް އޭނާއަށް ދިމާވެފައިވާ ސިއްޙީ ހާލާއި ގުޅޭގޮތުން އެޑީނިއޯ ވާހަކަ ދައްކާފައެއް ނުވެއެވެ.

އުމުރުން 80 އަހަރުގެ ޕެލޭ ހާލު ދެރަވެގެން މީގެ ދިހަ ވަރަކަށް މަސް ކުރިން އެޑްމިޓްވެސް ކޮށްފައި ވެއެވެ. އޭނާ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ޕްރޮމޯޝަނަލް އިވެންޓަކަށް ގޮސް އުޅެނިކޮށެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން މާ ގަދައަށް ހުން އައުމުގެ ސަބަބުންވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވެއެވެ.

ކުރިން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކުން ހާމަވެފައިވާ ގޮތުގައި ޕެލޭއަށް ވަނީ ޔޫރިން އިންފެކްޝަން ޖެހިފައެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އުމުރުން 17 އަހަރު ތެރޭގައި ފުރަތަމަ ވޯލްޑް ކަޕް ބްރެޒިލާއެކު ހޯދާފައެވެ. އޭގެ ފަހުން އިތުރު ދެ ވޯލްޑް ކަޕް ހޯދި ޕެލޭއަކީ ތިން ވޯލްޑް ކަޕް ހޯދި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.