އިނގިރޭސިވިލާތަށް އެރި ބާރުގަދަ ތޫފާނަކަށްފަހު މީގެ 130 މިލިއަން އަހަރުކުރިން ދުނިޔެއިން ނެތިގެންދިޔަ ސާރު (ޑައިނޮސޯ) އުޅުނު ސަރަޙައްދެއް ފެނިއްޖެއެވެ.

ތޫފާން "ސިއަރާ"ގެ ނަމުން ނަންދީފައިވާ މި ބާރުގަދަ ތޫފާނަށްފަހު ސާރު އުޅުނުކަމުގެ ހެކިތައް ފެނިފައިވަނީ އިނގިރޭސިވިލާތުގެ ދެކުނު އައްސޭރީގައި އޮންނަ ޖަޒީރާ ރަށެއްގެ ގޮނޑުދޮށުންނެވެ. އެ ސަރަޙައްދަށް މި ތޫފާނުގައި ޖެހުނު ގަދަ ވައިގެ ސަބަބުން ވަނީ ސާރުގެ ފައި ޖެހިފައިވާ ގިނަ ތަންތަން ފެނިފައެވެ.

ވައިގަދަވެ މި ސަރަޙައްދުގައި ހުރި ވެލިތަކުގެ އަޑިން ސާރު އުޅުނުކަމުގެ ހެކިތައް ފެނިފައިވާއިރު މިއީ އިނގިރޭސި ޖަޒީރާ ރަށްތައް ހިމެނޭ ސަރަޙައްދަކުން ސާރުގެ ހެކިތައް ފެނުނު ފުރަތަމަ ފަހަރެވެ. މި ހޯދުންތަކާއެކު މިހާރު ތަޖުރިބާކާރުން ދަނީ ދިރާސާ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.

ތޫފާން ސިއަރާގެ ސަބަބުން ސާރު އުޅުނުކަމުގެ ހެކިތައް އިނގިރޭސިވިލާތުން ފެނިފައިވާއިރު، ދާދިފަހުން އެޤައުމުގެ އުސް ސަރަޙައްދެއްގެ މަތިން ސާރެއްގެ ހަށިގަނޑުގެ ބައިތަކެއްވެސް ފެނިފައި ވެއެވެ.

ޑައިނަސޯ ނުވަތަ ސާރަކީ އިންސާނުން މި ބިންމަތީގައި ދިރިއުޅެން ފެށުމުގެ ކުރިން ބިންމަތީގައި އުޅުނު ބިޔަ ޖަނަވާރުތަކުގެ އާއިލާއެކެވެ. މި ޖަނަވާރުތައް ފަނާވެ ދިޔައީ ދުނިޔެއަށް ވެއްޓުނު ބޮޑެތި ގިނަހިލަ ނުވަތަ އެސްޓެރޮއިޑްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ.

ވޭތުވެދިޔަ 250 އަހަރުގެތެރޭގައި އެންމެ ގިނައިން ސާރުގެ ބައިތައް ފެނިފައިވަނީ ޔޫރަޕާއި އުތުރު އެމެރިކާ އަދި އޭޝިޔާއިންނެވެ.