ފްރެންޑްސް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޖެނިފާ އެއިންސްޓެއިން އަކީ މިއަދުވެސް އެންމެ ގިނަ ބަޔަކު އެ ތަރިއަކާއި މެދު ޝައުގުވެރިވާ އެއް ތަރިއެވެ.

ޚާއްސަކޮށް އޭނާގެ ހަޔާތުގައި ހިނގާ ޒާތި ކަންކަމުގެ މައުލޫމަތު ހޯދަން ފޭނުން ވަރަށް ބޭނުންވެއެވެ.

ދާދިފަހުން ޖެނިފާ އާއި ބްރެޑް ޕިޓްގެ ކައިވެނި އަންނަ ޖޫން މަހު ކައިވެނި ކުރާ ކަމަށް މަޤްބޫލް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެ ޚަބަރު ވެގެން ދިޔައީ އެ ދެ ފަންނާނުން އެކުގައި ދުށުމަށް އެދޭ ފޭނުންނަށް އުފާވެރި ޚަބަރަކަށެވެ. އެ ދެ ތަރިން ގުޅެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރިފައި ވަނީ 2020 ގެ ސާގާ އެވާޑްގައި ވަރަށް ގާތްކޮށް އުޅުނު މަންޒަރު މީޑިއާގައި އާއްމުވެފައި ވަނިކޮށެވެ. އަދި މުޅި އިވެންޓްގައި ބްރެޑްއަށް ބަލަން ޖެނިފާ އިން ކަމަށް ވެސް ވާހަކަ ފެތުރުނެވެ.

އޭގެ ފަހުން ޖެނިފާ ކުރިން ރައްޓެހިވި ޖޯން މޭޔާ އާއި އެކު އޭނާ ރޭގަނޑުގެ ކެއުމަކަށް ދިޔަ ކަމަށް ބުނެ އެ ދެމީހުން އަލުން ގުޅުނު ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. އެކަމަކު މިހާރު އިވޭ ވާހަކަތަކުން ސާގާ އެވާޑުގައި ޖެނިފާ ބެލީ ބްރެޑް އަށް ނޫން ކަމަށް ވުން އެކަށީގެންވެއެވެ.

ޔޫކޭގެ ޓެބްލޮއިޑަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު ބަތަލަ ޖޯން ހެމް އާއި ޖެނީފާ ވަނީ ސާގާ އެވާޑް ހަފްލާގައި ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކޮށްފައެވެ. އަދި އެ ހަފްލާގައި ބްރެޑް އަށް ބަލަން ޖެނީފާ އިންކަމަށް ހީވީ، ބްރެޑްގެ ފަހަތުގައި ޖޯން ހުރުމުން ކަމަށް ވަނީ ބެލެވިފައެވެ.

ސާގާ އެވާޑުގައި ޖޯން އާއި ޖެނިފާ އާއި ވާހަކަދައްކަން ތިބި ގޮތުން، އެ ދެމީހުންގެ މެދުގައި އޮތީ ގާތް ގުޅުމެއްކަން ހާމަވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޖެނީފާގެ އާ ޝޯ "ދަ މޯނިން ޝޯ" އާއި އެކު އޭނާ އެކި މީހުންނާއި ގުޅިގެން އުޅޭ ކަމަށް ބުނެ ޚަބަރު ފަތުރަނީ ގަސްތުގައި އޭނާގެ މަގުބޫލްކަން ދަމަހައްޓަން ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ. ޖެނީފާއަކީ މީޑިއާ އާއި ގާތް ގުޅުމެއް އޮންނަ މީހަކަށް ވުމާއި އެކު އެކަމުގެ ފައިދާ ނަގައިގެން، އޭނާ މަސައްކަތް ކުރަނީ ހެޑްލައިންތަކުގައި ދެމިހުރުމަށް ކަމަށް އެފަދަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޖެނިފާ މި ހަދަނީ ކިިހިނެތް؟ ބްރެޑް އާއި ކައިވެނި ކުރަން އުޅެނިކޮށް، ދެން ފެނުނީ ޖޯން އާއި އެކު!