އިންޑިއާއަކީ ރޭޕްގެ ހާއްޔެެކެވެ. އެގައުމުގައި ކޮންމެ ދުވަހަކު އެތައް ކުޑަކުދިންނާއި އަންހެނުންނެއް ރޭޕް ކުރަމުންދާއިރު، ރޭޕްގެ ޝިކާރައަކަށްވާ ގިނަ ބަޔަކަށް އިންސާފު ނުލިބޭ ވާހަކަވެސް ދައްކައެވެ. އިންޑިއާގެ ނޫސްތަކުގައި އެންމެ ގިނައިން ކޮންމެ ދުވަހަކުވެސް ދެކެވެމުންދާ ހަބަރުތަކަކީ "ރޭޕް" ގެ ވާހަކައެވެ. މިއީވެސް އާ ވާހަކައެކެވެ.

އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވާން އުޅުނީ އޭނާ ކިޔަވަމުންދިޔަ ކަމާލް ވިދްޔަމަންދިރް ސްކޫލްގެ ހެޑްމާސްޓަރު އޭނާ ރޭޕް ކުރި މައްސަލައާ ގުޅިގެންނެވެ.

އެ ކުއްޖާ ބުނެފައިވާގޮގައި، އެ ހެޑްމާސްޓަރު އޭނާ ރޭޕްކޮށް، އޭނާއަށް ޖިންސީ ފުރައްސާ ކުރަމުންދާތާ އަހަރެއްވެއްޖެއެވެ. އެ ހެޑްމާސްޓަރު އޭނާ ދެ ފަހަރެއްގެ ރޭޕްކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް ސްކޫލުގެ އޮފީހަށް ގެންގޮސްފައެވެ. ރޭޕް ކުރުމަށްފަހު އޭނާ އަށް ވަނީ ބިރު ދައްކާފައެވެ.

މިދިޔަ ހަފްތާ އަންގާރަ ދުވަހު އެ ކުއްޖާ އަމިއްލައަށް މަރުވާން ބޭނުންވީ، އެ ހާލުގައި އުޅެން ބޭނުން ނުވާތީއެވެ.

ހޮސްޓެލްއެއްގެ ގޮތުގައި ހިންގަމުން އަންނަ އެ ސްކޫލްގެ، ހޮސްޓެލް ތެރޭގައި އެ ކުއްޖާ އަމިއްލައަށް މަރުވާން އުޅުނުއިރު، އެ ކުއްޖާ ފެނުނީ އެކުގައި ދެން ކޮޓަރީގައި އުޅޭ އަނެއް ކުއްޖާއަށެވެ. ލެއިން ތަތްތެޅިފައި އޮތް އެ ކުއްޖާ ފެނި، އޭނާ ގެންދިޔައީ ހޮސްޕިޓަލަށެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި، އެ ކުއްޖާ އަމިއްލަ އަތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ވަރަށް ބޮޑަށް ޒަހަމްކޮށްފައި ވެއެވެ.

އެ މައްސަލާގައި ހެޑްމާސްޓަރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ސްކޫލް ކައިރީ އެތައް ބަޔަކު ކުރި މުޒާހަރާއަށް ފަހުއެވެ. އެ މުޒާހަރާގައި ސްކޫލަށްވެސް ގެއްލުން ދީފައި ވެއެވެ. ހެޑްމާސްޓަރު، އެ ކުއްޖާ ރޭޕްކުރި ކަމަށް އާއިލާއިން ބުނެފައިވުމުން އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ.

އެ ކުއްޖާގެ މައިންބަފައިން ބުނާގޮތުގައި، ދަރިފުޅު އަމިއްލައަށް މަރުވާން އުޅުނީ ހެޑްމާސަޓަރު ދަރިފުޅު ރޭޕް ކުރި މައްސަލާގައެވެ. އަދި ދަރިފުޅު ރޭޕް ކުރުމުގެ އިތުރުން އޭނާ ވަނީ ދަރިފުޅުގެ ފޮޓޯތައް ލީކް ކޮށްލާނެ ކަަމަށް ބުނެ އެތައް ފަހަރަކު ބްލެކްމެއިލްވެސްކޮށްފައެވެ.

އެ ކުއްޖާ އަމިއްލައަށް މަރުވާން އުޅުނު މައްސަލައަށްފަހު އެ ހެޑްމާސްޓަރު އެހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއްގެ ވާހަކަވެސް ދަނީ އިވެމުންނެވެ. އަދި އެކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އަދި ޓީޗަރުންނަށް އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ވާހަކަތަކެއްވެސް އިވެމުން އަންނަ ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު އެ ސްކޫލް ބަންދުކޮށް، އެ ސްކޫލަށް ކުދިން ނުފޮނުވަން މައިންބަފައިން ވަނީ ނިންމާފައެވެ. އަދި އެ ސްކޫލްގެ ކިޔަވަދޭ ޓީޗަރުންގެ ބަޔާން ނެގުމަށްވެސް ވަނީ ނިންމާފައެވެ.

އެ ހެޑްމާސްޓަރު ހުރީ މައްސަލަ ކުރިއަށްގެންދިއުމަށްޓަކައި ފުލުހުންގެ ހައްޔަރުގައެވެ.