ލޯބީގެ ގޮތުން ގުޅޭނެ އަންހެން ކުއްޖަކު ނުލިބުމުން އެމެރިކާ އަށް ނިސްބަތްވާ ފިރިހެނަކު އޭނާ އަށް ބިޓެއް ހޯދައިދިނުމުގެ މަސައްކަތް އައުޓްސޯސް ކޮށް، އެކަން ކޮށްދޭ ފަރާތަކަށް ފައިސާގެ އިނާމެއް ދޭން ނިންމައިފިއެވެ.
އުމުރުން 41 އަހަރުގެ ޖެފް ގެބާޓް އަކީ ކާމިޔާބު ވިޔަފާރިވެރިއެއް ކަމުގައި ވާއިރު، ޖެފް ހާމަކޮށްފައިވާ ގޮތުގައި މިހާރު އޭނާ ބޭނުންވަނީ އޭނާގެ ހަޔާތް ހިއްސާ ކުރަން ރަނގަޅު ބައިވެރިއެކެވެ.
މިގޮތުން އޭނާ ބައިވެރިއެއް ހޯދުމަށް އެކަމަށް ޙާއަސަ ވެބްސައިޓެއްވެސް ހަދާފައިވާއިރު ޖެފްގެ ބައިވެރިއަކަށް ވާން ބޭނުން ކޮންމެ އަންހެނަކަށްވެސް އެ ފުރުސަތު އަދި ވަނީ ހުޅުވާލެވިފައެވެ.
ޖެފް ބޭނުންވަނީ އޭނާ ކުރާ މަސައްކަތަށް ޝައުގުވެރިވާ، ކޮންމެވެސް ވަރަކަށް ކިޔަވައިގެން ހުރި މަޖާ މިޒާޖެއްގެ މީހެކެވެ. މިފަދަ އަންހެނަކު ޖެފް އަށް ހޯދައިދޭ ފަރާތަކަށް 25،000 އެމެރިކާ ޑޮލަރު ނުވަތަ 386،250 ދިވެހި ރުފިޔާ ލިބިގެން ދާނެއެވެ.
މި އަދަދަށް ފައިސާ ދޭން ޖެފް ނިންމީ އެއީ ކޮންމެ މަހަކުވެސް އޭނާ ޑޭޓު ކުރުމަށް ޙަރަރު ކުރާ ފައިސާގެ އަދަދު ކަމުގައިވާތީ ކަމަށް ޖެފް މައުލޫމާތުދެއެވެ.
ޖެފް 25،000 ޑޮލަރު ދޭން ނިންމި ނަމަވެސް، އެކަން ކުރަން ނިންމާފައި ވަނީ އޭނާގެ ފައިސާ އަށް އެކަނި ދަހިވެތިވެގެން ތިބޭ މީހުން އުޅޭނެކަން ދެނެގަނެގެންނެވެ.
މިގޮތުން މީހަކު ހޯދައިދިނުމުން 5000 ޑޮލަރު ދީފައި ބާކީ އޮތް ބައި 5 އަހަރަށް ބަހާލެވޭނެއެވެ. މި 5 އަހަރު ތެރޭގައި އެމީހުން ރުޅިވެއްޖެނަމަ ބާކީ އޮތް ފައިސާގެ އަދަދެއް ނުލިބޭނެއެވެ.
ކޮންމެއަކަސް، މިކަމަށް ޝައުގުވެރިވާ މީހުންނަށް ޖެފްގެ ވެބްސައިޓު މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.