ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އައިފޯން ލިބުން ދަތިވެދާނެކަން އެޕަލް އިން އިންވެސްޓަރުން އަންގައިފިއެވެ.

އެޕަލް އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށް ވީނަމަވެސް އައިފޯން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ ފެކްޓްރީތަކުގައެވެ. ކޮވިޑް-19 އާއި ގުޅިގެން ޗައިނާގެ ގިނަ ފެކްޓްރީތައް ވަނީ ބަންދުކޮށްފައެވެ. އަދި ގިނަ ސަރަހައްދުތަކުގެ ބަނދަރުތައް ވެސް ބަންދުކޮށްފައި ވުމުން އުފައްދާފައި ހުރި ތަކެތި ވެސް ޗައިނާ އިން ބޭރު ކުރަން ވަނީ ދަތިތައް ކުރިމަތިވެފައެވެ.

"މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން އައިފޯން ލިބުމުގައި ދަތިތަކެއް ދިމާވެދާނެއެވެ. ނަމަވެސް އެއީ ވަގުތީ ކަމެކެވެ." އެޕަލް އިން ބުންޏެވެ.

އެޕަލް އިން ބުނީ އެޕަލްގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ސިއްހީ ގޮތުން ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވާން އެޕަލް އިން ބޭނުންވާ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެޕަލް އިން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެޕަލްގެ ފޯނުތައް އުފެއްދުމަށް ދަތިތަކެއް ދިމާވެފައި ވާއިރު ޗައިނާގައި ކޮވިޑް-19 ފެތުރެމުން ދިއުމަކީ އެކަމުގެ އަސަރު މުޅި ދުނިޔޭގެ އިޤުތިޞާދަށްކޮށް، އެތައް އުފެއްދުމުގެ ލިބުމުގައި ދަތިތައް ދިމާވެގެން ހިނގައިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ކޮވިޑް-19 ދިގު ދެމިގެން ހިނގައްޖެ ނަމަ އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ކުންފުނިތަކުގެ ތެރޭގައި އެޕަލް ހިމެނޭނެ ކަމަށް ވެސް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު