ސަންފްލާވާރ ތެލަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ބާވަތުގެ އެއް ތެލެވެ. އެގޮތުން އެ ތެލަކީ ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދީ ހަށިގަނޑުގައި އޮމެގާ އެސިޑްސްވެސް ބެލެންސްކޮށްދޭ އެއްޗެކެވެ. ހިތުގެ މައްސަލަތަކުން ސަންފްލާވާރ ތެލުގެ ސަބަބުން މީހާ ރައްކާތެރިކޮށްދޭއިރު ސަންފްލާވާރ ތެލަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހިމެނޭ އެއްޗެއްވެސްމެއެވެ.

އެގޮތުން ވިޓަމިން އީ އަދި ޓަކޮފެރޮލްސްއަކީ ސަލްފްލާވާރ ތެލުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެންޓި އޮކްސިޑެންޓްސްތަކުގެ ތެރެއިން ދެ މާއްދާއެވެ. އެ ދެ މާއްދާއަކީވެސް ފްރީ ރެޑިކަލްސް ހަށިގަނޑުން ނައްތައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ދެ މާއްދާއެވެ. އެ ދެ މާއްދާއިން އަދާކޮށްދޭ މުހިންމު ދައުރުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭކަމަށްވެސް ވަނީ ބެލެވިފައެވެ. އޭގެ ސަބަބުން މީހާ އެކިކަހަލަ އާދައިގެ ރޯގާތަކާއި ބަލިތަކުން ސަލާމަތްވުމަށް ފަސޭހަވެގެންދެއެވެ.

ސަންފްލާވާރ ތެލުގެ ސަބަބުން ހަށިގަނޑުގައި ވަރުޖައްސައިވެސްދެއެވެ. ސަންފްލާވާރ ތެލަކީ މީހާއަށް ފައިދާހުރި ނޮން ސެޗުރޭޓަޑް ފެޓްސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެއީ މީހާގެ ހަށިގަނޑުން ހަކަތަ އުފައްދައިދޭ މިންވަރު އިތުރުކޮށްދޭ މާއްދާއެކެވެ. ހަށިގަނޑުގެ އެތެރެހަށީގެ އިތުރުން ސަންފްލާވާރ ތެލަކީ ހަށިގަނޑުގެ ބޭރުފުށަށްވެސް އެހާމެ ފައިދާހުރި އެއްޗެކެވެ. ސަންފްލާވާރ ތެލުގެ ސަބަބުން މީހާގެ ހަމުގެ ސިއްހަތު ރަނގަޅުކޮށްދީ، ހަން ސާފުކޮށްދިނުމުގެ އިތުރުން ހަން މޮއިސްޗަރައިޒްވެސްކޮށްދެއެވެ.

އާންމުކޮށް ކައްކަން ބޭނުންކުރެވޭ ތެޔޮތަކަކީ އެޔާއި ބެހޭގޮތުން އެހާ ރަނގަޅު ބަސްތަކެއް ވަރަށް ނީވޭ ތެޔޮތަކެކެވެ. އެހެންނަމަވެސް ފެންވަރު ރަނގަޅު ސަންފްލާވާރ ތެލަކީ ކެއްކުމުގައި ބޭނުންކުރުމަށްވެސް އެންމެ އެދެވޭ އަދި އެންމެ ފައިދާހުރި އެއް ބާވަތުގެ ތެލެވެ. ސަންފްލާވާރ ތެލަކީ ކެއްކުމުގެ އިތުރުން މަސާޖްކުރުމަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ.