އެމެރިކާ އަންހެނަކު ދަންވަރު ގަޑީގައި އޭނާގެ ތުއްތު ދަރިފުޅަށް ދޭ ކާނާ ކުއްލިއަކަށް ބޭނުންވުމުން އެ ގައުމުގެ ފުލުހުން ދަންވަރު ގަޑީގައި ފިހާރައިން އޭތި ގަނެގެން އެ އަންހެން މީހާ އާއި ހަވާލުކޮށްފިއެވެ.

އެމެރިކާގެ ޔޫޓާގައި މިކަން ވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. 5 ކުދިންގެ މަންމަ ކަމުގައިވާ ޝެނޮން ބާޑަކީ އޭނާގެ ހުރިހާ ދަރިންނަށްވެސް ގާތުން ކިރުދޭ މީހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އެއް ރޭގެ ދަންވަރު ގާތުން ކިރުދެވެން ނެތި، އެންމެ ފަހުން ވިހެއި ތުއްތު ކުއްޖާ އަށް ތައްޔާރުކޮށްފައި ދޭނެ ކާނާއެއްވެސް ނެތުމުން ޝެނޮން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

ޝެނޮންގެ ފިރިމީހާ އެހެން ރަށެއްގައި ހުރުމުން ޝެނޮން ގޭގައި ހުރީ ދަރިންކޮޅާއި އެކު އެކަންޏެވެ. ކާނާ އެއް ގެނެސްދިނުމަށް އާއިލާގެ ބައެއް މީހުންނަށާއި އަވަށްޓެރިންނަށް ގުޅި ނަމަވެސް އެ އެންމެން ތިބީ ނިދާފައެވެ. މީގެ އިތުރުން ޝެނޮންގެ ހުރިހާ ދަރިންކޮޅުވެސް ނިދާފައި ތިބުމުން އެކުދިން ހޭލައްވައިގެން ފިހާރަ އަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ޝެނޮން ނިންމިއެވެ.

އެންމެ ފަހުން ގޮތް ހުސްވެގެން، ދަރިފުޅު ބަނޑުހައިވެގެން ތެދުވެ ރޯން ފެށުމުގެ ކުރިން ޝެނޮން ވަނީ އެ ގައުމުގެ ފުލުހުންގެ އެމަޖެންސީ ނަމްބަރު 911ށް ގުޅައި އޭނާގެ ދަރިފުޅަށް ކާނާ އެއް ގެނެސްދިނުމަށް އެދިފައެވެ.

މިއާއިއެކު ފުލުހުން ވަނީ އިސާހިތަކު ބޮޑު ކިރު ފުޅިއެއް ހިގައިގެން އައިސްފައެވެ. ނަމަވެސް އެ ކިރު ތުއްތު ކުއްޖާ އަށް ނުދެވޭނެކަން އެނގުމުން ފުލުހުން ވަނީ އަނެއްކާ ފިހާރަ އަށް ގޮސް ރަނގަޅު ކިރު ޕެކެޓެއް ހިފައިގެން އައިސްފައެވެ.

ޝެނޮން ބުނެފައިވާ ގޮތުގައި އޭނާ އެކަން ކޮށްދޭން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް ފުލުހުން އެކަން ކޮށްދޭނެކަމަށް ހީ ނުކުރާ ކަމަށާއި އަސްލު ހަދަން އުޅުނު ގޮތަކީ ފުލުހުން ގެ ދޮރުމަތީ ބައިތިއްބާފަައި އަމިއްލަ އަށް ފިހާރަ އަށް ދާން ކަމަށެވެ.

މި ވާހަކަ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ މިކަން ކޮށްދިން ފުލުސް މީހާ އަށް ތައުރީފް ކުރަމުންނެވެ. އެ ފުލުސް މީހާ އަކީވެސް 3 ކުދިންގެ ބައްޕަ އެއް ކަމަށއ ރިޕޯޓުތައް ބުނެއެވެ.