އަންހެނުން ރޭޕް ކުރުމުގައި ހައްދު ފަހަނަ އަޅާފައިވަނީ އިންޑިއާ ކަން ގިނަ މީހުން ގަބޫލު ކުރެއެވެ. މިއީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ކާނަލްގައި އަންހެނަކު އޭނާގެ ފިރިމީހާއާއި އެކީ ދަތުރު ކުރަމުން ދަނިކޮށް 2 މީހަކު ވެގެން އޭނާ ރޭޕް ކުރި ހިތާމަވެރި ހާދިސާގެ ވާހަކަ އެވެ.

އުމުރުން 19 އަހަރުގެ އެ އަންހެން މީހާ ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ބަހުގައި ދަނިކޮށް އެމީހުންގެ އާއިލާ މީހަކު އެއްޗެއް ހަވާލު ކުރަން ބުނުމުން ބަސް ހުއްޓުވައި މަޑު ކުރުވައިގެން ތިއްބާ ކަމަށެވެ. އަދި ބަސް މަޑު ކުރުމުން އޭނާ ދިޔައީ ޕޭ ޓޮއިލެޓަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ބަސް މަޑު ކުރުމުން އެތަނަށް ފޭބީ އާއިލާ މީހަކު އެއްޗެއް ހަވާލު ކުރަން އެބަ އަންނަމޭ ބުނުމުން. އެތަނުގައި ގިނަ އިރު ވުމުން އަޅުގަނޑު ދިޔައީ ފާހަނާއަށް ވަންނަން ވެގެން. ފާހަނާއަށް ވަންނަން ދިޔަ މަގުމަތީ ދެ މީހަކު ވަރަށް ނުބައި ގޮތަކަށް ބަލައިގެން ތިބި އެހެން ނަމަވެސް އަޅާނުލާ ދިޔައީ" އެ އަންހެން މީހާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ ފާހަނާއިން ބޭރަށް ނުކުތް ގަޑީ އެ ދެމީހުން ދޮރުމަތީގައި ތިބި ކަމަށެވެ. އަދި އެތަނުން އެކަކު "ވަޅި" އެއް ބޭނުން ކޮށްގެން ބިރު ދެއްކި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ކަރުގައި ވަޅި ޖައްސާފައި އަނބުރާ ފާހަނާއަށް ވެއްދީ. އެވެއްދި ގޮތަށް ދެ މީހުން ވެގެން އަހަރެން ރޭޕް ކުރީ. އެއީ ހަޔާތުގައި ދިމާވި އެންމެ ދެރަ ދުވަސް. ފިރިމީހާއަށް ގޮވަން އުޅުމުން އަނގަމަތީ އަށް އަޅައިގެން ތިބޭ" އެ އަންހެން މީހާ ކިޔައިދިނެވެ.

އޭނާ ބުނެފައިވަނީ އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ރޭޕް ކުރި ދެ މީހުން ހޯދިފައިވާ ކަމަށެވެ. އަދި އެ ދެމީހުން ހޯދިފައިވަނީ އެމީހުން އެތަނުގައި ބާއްވާފައި ދިޔަ ފޯނެއްގެ އެހީގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުން މިހާރު ތިބީ ބަންދުގައި ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.