ނައިޖީރިއާގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ މާމަ ކައްކާފައި ހުރި ނޫޑްސްތައްޓެއް މާމަގެ ހުއްދަ ނެތި ކާލުމުން އެކުއްޖާގެ އިނގިލިތައް ބުރިކޮށް ނޫޑްސް ތެލީގެ ތެރެއަށް އަޅައިގެން ކައްކާލައިފިއެވެ.

ކުއްޖާގެ އިނގިލިތައް ބުރިކޮށް އިނގިލިތައް ކައްކާލީ އެކުއްޖާގެ މާމައެވެ.

މިހާދިސާ ހިނގީ ނައިޖީރިއާގެ އެޑޯ ސްޓޭޓްގައެވެ. ކުޑަ އަންހެން ކުއްޖާގެ އިނގިލިތައް ކައްކާލި މައްސަލައިގައި މާމަ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މާމަގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ އަށް މާމަ އަނިޔާ ކުރިކަން ކަމާބެހޭ ފަރާތްތަކަށް އެންގީ އަވައްޓެރިންނެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އަންހެން ކުއްޖާ ދިރިއުޅޭ ގެއަށް ގޮސް އެކުއްޖާ ބެނިން ޓީޗިން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހޮސްޕިޓަލުން ކުއްޖާ އަށް ފަރުވާދީފައި ވާއިރު މިހާރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެއެވެ.

ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއްގައި އަންހެނަކު ހައްޔަރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދިނުން ފިޔަވައި މިމައްސަލައިގައި ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވާ ކަމަށް ނައިޖީރިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ ހިނގި އިރު ކުއްޖާގެ މަންމަ އާއި ބައްޕަ ކޮބައި ކަމެއް މީޑިއާ އަށް ވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު