"ގޯސްޓް ސްޓޯރީ" އިން ފެނިގެންދިޔަ ޕަވަލް ގުލާޓީ އާއި ބޮލީވުޑްގެ ފިޔަ ޖަހަމުން އަންނަ ތަރި ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ތާޕްސީ މޫނު މަތީގައި އޭނާގެ ފިރިމީހާ ޖެހުމާއި އެކު އެދެމީހުންގެ ދެމެދުގައި ހިނގާ ކަންތައްތެކެވެ. އެތައް ބައެއްގެ ނުރުހުމާއި ދެކޮޅަށް ތެދުވެ އޭނާ ވަނީ އެ ތައްޕަޅުގެ ސަބަބުން ނަސްލަށް ކުރާ އިހްތިރާމު ގެއްލެން ބޭނުން ނުވާކަމަށާއި ފިރިމީހާ ކައިރިން ވަރިވުމަށް އެދިފައެވެ. ނަމަވެސް ތާޕްސީގެ ހައްގުގައި ހުދު އޭނާގެ މައިންބަފައިންވެސް ނުތިބެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޑަވިއު އެއްގައި ޕަވަލް ބުނެފައިވަނީ އޭނާއަށް އެ ތަންކޮޅު ސޫޓުކުރުމަށް ވެސް އެތައް ފަހަރަކު ޖެހުނު ކަމަށެވެ. އޭނާ ހުރީ އެސީން ނެގުމުގެ 2 ދުވަސް ކުރިން ފެށިގެން ޖެހިލުންވެފައި ކަމަށާއި ތާޕްސީ މޫނުގައި ޖަހާ މަންޒަރު ނެގުނީ 7 ވަނަ ފަހަރު މަތިން ކަމަށް ބުންޏެވެ. އަދި ތާޕްސީ އޭނާއަށް އެހީތެރިކަމާއި އެހިތްވަރުން ޕަވަލް އަށް ހިތްވަރު ލިބުނުކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމުގެ ޓްރެއިލާ ނެރެފަވާއިރު، ހިން ބަޔަކު އަންނަނީ ޓްރެއިލާއަށް ތައުރީފު ކުރަމުންއެވެ. އަދި މި ފިލްމު ނެރޭނެ ދުވަހަކަށް ތިބީ ކެތްމަދު ވެފައެވެ.

މި ފިލްމާއި ގުޅޭގޮތުން ގިނަ ނޫސްތަކުން ބުނާގޮތުގައި މި ފިލްމަކީ މި ދިޔަ އަހަރު ނެރުނު ކަބީރް ސިންގްއަށް ރައްދު ދިނުމުގެ ގޮތުން ހަދާފައިވާ ފިލްމެއްކަމަށް ގަބޫލު ކުރެވެއެވެ.

ނަމަވެސް މި ކަމަށް ރައްދުދެއްވަމުން ޕަވަލް ބުނީ މި ކަހަލަ ފިލްމަކީ އަބީނަވް އަބަދުވެސް އުފައްދަން ވަރަށް ބެނުންވެފައި ހުރި ފިލްމެއްކަމަށެވެ. މި ފިލްމާއި ކަބީރް ސިންގް އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ވެސް އޭނާވަނީ ބުނެފައެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި މަހު 28 ވަނަ ދުވަހުއެވެ.