ބެލްޖިއަމްގެ ޗާޗެއްގެ ކައިރިން އާދަޔާއި ހިލާފަށް ގިނަ އަދަދެއްގެ އިންސާނުންގެ ކަށިތަކެއް ފެނިއްޖެއެވެ. މިކަށިތައް ފެނުނުއިރު ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ ކަށިތައް އަތުރާފައި ހުރި ފާރެއް ރާނާ ގޮތަށެވެ. ގިނަ އަދަދެއްގެ ކަށި ބޭނުން ކޮށްގެން ނުވަ ފާރު ރާނާފައި ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައެވެ.

މިކަށިތައް ހޯދި އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި ގިނައިން ހުރީ ބޮޑެތި މީހުންގެ ކައްޓެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ފުރާވަރު އުމުރުގެ ޒުވާނުންގެ ކައްޓާއި ކުޑަކުދިންގެ ކަށިވެސް ހުއްޓެވެ. އެންމެ ގިނައިން ހުރީ ފައިގެ ކަށިތަކެވެ. ނަމަވެސް ބޮލާއި، އަތުގެ ކަށިތައް ވެސް ފެނިފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިކަށިތައް ފެނުނީ ޗާޗް ކައިރީގައި ވިޒިޓިން ސެންޓަރެއް ހަދަން ވެގެން އެތަން ކޮންނަމުން ދަނިކޮށެވެ.

ކަށިތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އާކިއޮލޮޖިސްޓުން ޓީމްގެ ވެރިޔާ ރޮބެން ވިލާޓް ވިދާޅުވީ މިއީ އެތައް ސަތޭކަ އަހަރެއް ވެފައިވާ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ލަފާކުރައްވަނީ މިކަށިތައް ފާރެއްގެ ގޮތައް އަތުރާފައި މިވަނީ އެތަނުގައި ޗާޗެއް އިމާރާތް ކުރަން ވެގެން އެސަރަހައްދުގައި ވަޅުލާފައިވާ އެންމެން އެއްސަރަހައްދަކަށް އެއް ކުރުމުގެ މަޤުޞަދުގައެވެ. ނަމަވެސް އެކަން ޔަގީން ކުރުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް ރޮބެން ވިދާޅުވިއެވެ.

"ކަށިތައް އުކާލުމުގެ ބަދަލުގައި ފުންޏަކަށް ޖެހުމަށް ކޮށްފައިވާ ކަމެއް ކަމަށް އަދި އަހަރެންނަށް ގަބޫލު ކުރެވެނީ." ރޮބެން ވިދާޅުވިއެވެ.

ކަށިތައް ފެނުނު ސަރަހައްދުގައި ހުރި ޗާޗް އިމާރާތް ކޮށްފައި ވަނީ 15 ވަނަ ގަރުނުގައެވެ. ނަމަވެސް މިކަށިތައް ފާރެއްގެ ގޮތައް އަތުރާފައި ވަނީ 17 ވަނަ ގަރުނު ނުވަތަ 18 ވަނަ ގަރުނުގައި ކަމަށް އާކިއޮލޮޖިސްޓުން ލަފާކުރެއެވެ.

ފެނުނު ކަށިތަކާއި ގުޅޭ އިތުރު ކަންކަން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.