ސްޕެއިންގެ ކާޑިޒް ސިޓީއަށް ނިސްބަތްވާ، އުމުރުން 53 އަހަރުގެ ޖުއާނާ މުނޯޒްއަކީ މީގެ އަހަރުތަކެއް ކުރިން ދިމާވި ސިއްޙީ ހާލަތެއްގެ ސަބަބުން އެތަކެއް ވޭނެއް ތަޙައްމަލް ކުރަމުންދާ އަންހެނެކެވެ. އޭނާ ބުނާގޮތުގައި، އޭނާއަށް ދިމާވެފައިވާ ބަލި ޙާލަތަށްވުރެ ބޮޑަށް އަޅަމުންދާ ވޭނަކީ، ނަފްސާނީގޮތުން ބަލިކަށިވެ ދަރިން ކުރިމަތީގައި އުޅޭއިރުވެސް އެކުދިންގެ ގައިގައި ލޯބިން ބައްދާލާނެ ފުރުސަތެއް ނުލިބުމުން ހިތުގައި އަޅާ ކެކުޅުން ކަމަށެވެ.

ޖުއާނާއަށް ދިމާވެފައިވާ ސިއްޙީ ބަލިކަށިކަމަށް ފަރުވާއެއް ހޯދުމަށް މިހާތަނަށް އޭނާގެ އާއިލާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަނަމަވެސް، އެކަން އަދި ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. ޖުއާނާއަށް ކުރިމަތިވެފައިވާ ޙާލަތަކީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާފަދަ ޙާލަތެއްކަށްވާއިރު، އެކަމަށް ކުރެވޭނެ މާބޮޑު ފަރުވާއެއް ނުވެސް ނެތެވެ.

އޭނާގެ އާއިލާއިން ބުނެފައިވާގޮތުގައި، އޭނާއަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ބޭރަށް ނިކުމެ ނޫޅެވެއެވެ. އަދި ގޭތެރޭގައި އުޅުނު ނަމަވެސް އުޅެން ޖެހިފައިވަނީ ބިއްލޫރިން ހަދާފައިވާ ކޮއްޓެއްގެ ތެރޭގައެވެ. އެއީ ކެމިކަލްތަކާއި ހިރަފުސް އޭނާގެ ހަށިގަނޑުގައި އެއްވެސް މިންވަރަކަށް ޖެހިއްޖެނަމަ އެކަމުން އޭނާގެ ފުރާނައަށްވެސް ނުރައްކާވުމުގެ ފުރުސަތު އޮތުމުންނެވެ.

ޖުއާނާއަށް އެންމެ ފުރަތަމަ ބަލީގެ ނުރައްކަލާއި ކުރިމަތިވީ މީގެ 13 އަހަރުކުރިން އޭނާ ބަގީޗާގައި ގަސް އިނދެފައި ލޯ ހިރުވައިލިތަނާ މުޅި މޫނުމަތި އެކީގައި ދުޅަވާން ފެށި ހިސާބުންނެވެ. އޭނާގެ ޙާލަތު ދަށްވެ އެދުވަހު ހޮސްޕިޓަލަށް ގެންދިއުމުން އިމަޖެންސީގައި ފަރުވާވެސް ދީފައިވެއެވެ. އެއަށްފަހު ކުރިމަތިވެފައިވާ ޙާލަތަކީ ސީރިއަސް ޙާލަތަކަށްވުމުން ޑޮކްޓަރުން އެންގީ ހިރަފުހުގެ އެއްވެސް އަސަރެއް ނުކުރާނެފަދަ ގޮތަށް އުޅުމަށެވެ. އަދި ކިތަންމެ ކުޑަކޮށް ނަމަވެސް ހިރަފުހުގެ އަސަރެއް ކޮށްފިނަމަ ފުރާނައަށް ނުރައްކާވެދާނެކަމުގެ އިންޒާރުވެސް ޑޮކްޓަރުން ވަނީ ދީފައެވެ.

ޑޮކްޓަރުންގެ އެ އެންގުމާއި އެއްގޮތަށް މިހާރު ޖުއާނާ އުޅެމުންދާތާ 13 އަހަރު ވެފައިވާއިރު، އޭނާ މި 13 އަހަރު ހޭދަކޮށްފައިވަނީ 25 މީޓަރުގެ ބިއްލޫރިން ހަދާފައިވާ ކޮއްޓެއްގައި ދަރިންނާއި ފިރިމީހާއާއި ވަކިން އެކަނިވެރިކަންމަތީއެވެ.

"އަހަރެން އެދެނީ މިފަދަ ޙާލެއް އެހެން މީހަކަށް މެދުވެރި ނުވުން. މި ޙާލުގައި އުޅޭއިރު އެންމެ ދެރަވަނީ ދަރިންނާއި ފިރިމީހާ، ކުރިމަތިން ފެންނަން ތިބިއިރުވެސް އެމީހުން ކައިރީގައި، ޢާންމު ދިރިއުޅުމެއްގައި ނޫޅެވޭތީ. މި ބަލީގައި ތަޙައްމަލްކުރަން ޖެހިފައިވާ ތަދަށްވުރެ އެކަމުގެ ވޭން މާ ބޮޑު،" ގިސްލަމުން ޖުއާނާ ބުނެލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    .ސުބުހާނަﷲ