ދުނިޔޭގޭ އެކިކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ފްލައިޓަށް އެރި 2 ޕަސެންޖަރަކު މުޅި ގައިގައި ޕްލާސްޓިކް އޮޅައިގެން ހުރުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީ އިން އެ ގައުމުގެ ހެމިލްޓަން އައިލޭންޑަށް ދަތުރުކުރި ފްލައިޓެއް ތެރޭގައި ދެ މީހަކު މުޅި ގައިގައި ޕްލާސްޓިކް އޮޅައިގެން ތިބޭ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ މާސްކު އެޅުމަށް ވުރެން ރައްކާތެރި ގޮތެއް ކަމަށެވެ.

ޕްލާސްޓިކުން މުޅި ގައި ނިވާ ކުރުމުގެ އިތުރަށް އެ ދެމީހުން ވަނީ ވަރުގަދަ އަންގި އާއި މޫނު ނިވާކުރަން މާސްކުވެސް ބޭނުން ކޮށްފައެވެ. މީސް މީޑިއާގައި މިކަމަށް ކޮމެންޓު ކުރި މީހަކު ސަމާސާ ކުރަމުން ބުނެފައި ވަނީ މީގެ މަސްތަކެއް ފަހުން އެންމެނަށް ވައިރަސް ޖެހޭ އިރުގައި ސަލާމަތުން ވައިރަސް ނުޖެހި ތިބޭނީ މި ދެމީހުން އެކަނި ކަމަށެވެ.

އިތުރު މީހަކު ބުނެފައި ވަނީ މިގޮތަށް ކަންތައް ކުރުމަކީ މޮޔަ ކަމެއް ނޫން ކަމަށާއި ހަގީގަތުގައި މޮޔައީ މިހެން ކަންތައް ނުކުރާ މީހުން ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވައިރަސް ފެތުރިފައިވާއިރު، ލައްކަ އަކާއި ގާތްކުރާ އަދަދަކަށް މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ވައިރަސްގެ ޝިކާރަ އަކަށްވެ މަރުވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު