އަދިތިޔާ ރޯއި ކަޕޫރް އަދި ދީޝާ ޕަޓާނީ އެކުގައި ފެނިގެންދިޔަ ފިލްމު "މަލަންގް" އަށް އަދިވެސްބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޯހިތު ސޫރީ ޑައިރެކްޓުކޮށް މި މަހު 7 ވަނަ ދުވަހު ނެރުނު "މަލަންގް" އަށް ފުރަތަމަ ހަފްތާ ތެރޭގައި އެކަނިވެސް ބޮކްސް އޮފީހުން 38 ކުރޯޑު އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ.

"މަލްންގް" ގެ ބަތަލާ ދިޝާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ކަނޑުއަޑީގެ މަންޒަރުތައް ނެގުމަށް އުޅެންޖެހުނު ހާލު ކިޔާދީފައެވެ. އޭނާ ބުނި ގޮތަގައި 10 ގަޑިއިރު އެ މީހުން ކަނޑުއަޑީގައި އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ހޭދަކޮށްފައި ވެއެވެ. އަދި އެމީހުން ނޭވާލުމަށް ބޭނުންކުރީ އޮކްސިޖެން މާސްކެވެ. އެއްވެސް އަލިކަމެއް ނެތި އިރު އިރު ކޮޅާ ފެނުން މައްޗަށް އެރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ދިޝާ ވަނީ ބުނެފައެވެ.

މި ފިލްމުގައި ފެނިގެންދަނީ އިންޑިއާގެ އަވަށެއް ކަމުގައިވާ ގޯއާގައި ދެ ލޯބިވެރިއަކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކުރިމަރިވާ ކަންތައްތަކެއްގެ ސަބަބުން ފުލުހުން އެމީހުންގެ ދިރިއުޅުމަށް ވެރިވެގަންނަ މަންޒަރެވެ. ކުށްވެރިއެއްގެ ރޯލުން އަދިތިޔާ އާއި ދިޝާ ފެނިގެންދާ އިރު، އަނިލް އާއި ކުނާލް ކޭމޫ ފެނިގެންދަނީ ފުލުހުންގެ ރޯލުންއެވެ.

"މަލަންގް" އާއި އެއްދުވަހެއްގައި ސިނަމާތަކަށް ނެރުނު "ޝިކާރާ" އަށް ބެލުންތެރިންގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހަފްތާގައި "ޝިކާރާ"އަށް ލިބިފައިވަނީ 6.05 ކުރޯޑު އިންޑިއަން ރުޕީސްއެވެ.

ކިޔުންތެރިންގެ ހިޔާލު