އަޔަލޭންޑްގެ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔަކު އޭނާގެ ބިޓްކޮއިން އެކައުންޓްގެ އެކްސެސް ކޯޑް އޭ-4 ސައިޒް ގަނޑެއްގައި ޖަހާފައި އޮއްވާ އެކޯޑު ގެއްލުމުން އެއްވެސް ބިޓްކޮއިން އެއް އަނބުރާ ހޯދާނެ ގޮތެއް ނެތި އަޔަލޭންޑްގެ ފުލުހުންނަށް ގޮތް ހުސްވެއްޖެއެވެ.

އުމުރުން 49 އަހަރުގެ ކްލިފްޓޮން ކޮލިންސް މިހާރު ހުރީ ފަސް އަހަރުގެ ޖަލު ޙުކުމެއްގައެވެ. އޭނާ އަކީ މަސްތުވާތަކީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އައި މީހެކެވެ. އޭނާ ޖަލަށް ލާފައި ވަނީ އޭނާގެ ކާރު ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައެވެ.

ކޮލިންސް ހައްޔަރުކޮށް، އޭނާ ޖަލަށްލި ފަހުން ފުލުހުންނަށް ފާހަގަ ކުރެވުނީ އޭނާ އަކީ މަސްތުވާތަކެތި ވިއްކައިގެން ލިބުނު ފައިސާ އިން ގިނަ އަދަދެއްގެ ބިޓްކޮއިން ގަނެގެން އުޅޭ މީހެއް ކަމެވެ. ކޮލިންސް ވަނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރައި ދެމެދު 6000 ބިޓްކޮއިން ގަނެފައެވެ. އޭރު ބޮޓްކޮއިންއެއްގެ އަގު ހުރީ 3 ޕައުންޑްގައެވެ. ނަމަވެސް މިއަދު ވަނީ ބިޓްކޮއިންއެއްގެ އަގު 7400 ޕައުންޑަށް ވުރެ މަތިވެފައެވެ.

ކޮލިންސްގެ މިލްކިއްޔާތުގައި ހުރި ބިޓްކޮއިންގެ އަގު މިހާރު 46 މިލިއަން ޕައުންޑް (917 މިލިއަން ރުފިޔާ) އަށް އަރައެވެ.

ކޮލިންސް މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއަށް ބިޓްކޮއިން ގަނެފައި ވާތީ އޭނާ ޤާނޫނީ ގޮޅިއަކަށް ފައްތައިގެން ބިޓްކޮއިންތައް ދައުލަތައް ނެގިދާނެ ކަމަށް އަޔަލޭންޑްގެ ޕްރޮސެކިއުޓަރުންނާއި ފުލުހުން ބުނެއެވެ. ނަމަވެސް އެކްސެސް ކޯޑް ލިބޭނެ ގޮތެއް ނެތުމުން އެކަން ކުރެވޭނެ ގޮތެއް ނެތެވެ.

ފުލުހުން ބުނީ ބިޓްކޮއިން ހުރި އެކައުންޓް މިހާރު ދެނެގެންފައިވާ ކަމަށާއި ނަމަވެސް އެކައުންޓަށް އެކްސެސް ވެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު