އިންޑިއާގައި ކުރިއަށްދާ އެންމެ ބޮޑު ލަވަމުބާރާތް ކަމަށްވާ އިންޑިއަން އައިޑޮލް ސީޒަން 11 ޕަންޖާބީއަށް ނިސްބަތްވާ ސަނީ ހިންދުސްތާނީ ކާމިޔާބުކޮށްފިއެވެ. ޒުވާން ސަނީ އަށް މިރޭ ވަނީ އިންޑިއަން އައިޑޮލް 11 ގެ ޓްރޮފީ އާއި ފައިސާގެ ގޮތުގައި 25 ލައްކަ ރުޕީސް ލިބިފަައެވެ. އަދި އޭނާއަށް ވަނީ ޓީ-ސީރީސްގެ ދެން އޮންނަ ޕްރޮޖެކްޓަކަށް ލަވަ ކިޔުމުގެ ފުރުސަތުވެސް ލިބިފައެވެ.

ސަނީ އިންޑިއަން އައިޑޮލް ސީޒަން 11 ކާމިޔާބު ކުރީ ހަތަރު ފައިނަލިސްޓުންނާއި ވާދަކޮށެވެ. އެއީ އޮންކޮނާ މުޚްރެޖީ އާއި އަޑްރީޒް ގޯޝް، ރިދާމް ކަލްޔާން، އަދި ރޯހިތް ރައުތެވެ.

ސަނީ މިރޭ އޭނާގެ އަޑުން ކިޔާދިން މެޑްލީގެ ހިތްގައިމުކަމުގެ ވާހަކަ ގިނަބަޔަކު ދައްކަމުން އަންނައިރު. މިރޭގެ ހާއްސަ ޖަޖުން ކަމުގައިވާ އަޔުޝްމަން ޚުރަންނާ އާއީ ނީނާ ގުޕްތާގެ ބޮޑު ތަރުހީބެއް ސަނީއެެއް ލިބިފައި ވެއެވެ.

އެ ޝޯވގެ ފުރަތަމަ ރަނަރައަޕްއަކަށް ހޮވުނީ ރޯހިތްއެވެ.

ޝޯވގެ ފަސް ފައިނަލިސްޓުންނަށްވެސް ވަނީ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

ސަނީގެ ރީތިއަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހިގެން ދިޔައީ އޭނާ އޮޑިޝަންގައި ބައިވެރިވި ހިސާބުންނެވެ. އޭނާގެ އަޑާއި، ލަވަކިޔުންތެރިޔާ ނުސްރަތް ފަތޭހީ އަލީ ޚާންގެ އަޑާއި ވައްތަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެ ޝޯވގެ ޖަޖުންގެ ތެރޭގައި ހިމެނޭ ވިޝާލް ދަދްލަނީ އާއި ނެހާ ކައްކަރުގެ އިތުރުން ކުރިން އެ ޝޯވގެ ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ އަނޫ މާލީކްއަށް ސަނީގެ އަޑު ވަރަށް ކަމުދިޔައެވެ.

އޭގެ ފަހުން އެ ޝޯވގެ އެންމެ ހިޓު އެކަކީ އެއީއެވެ. ސަނީގެ އަޑުގެ ރީތިކަމުން އެކްޓަރ ކުނާލް ކެއްމޫވެސް އެވާހަކަދެއްކިއެވެ. އަދި އޭނާއަށް ހަދިޔާވެސް ދިނެވެ. ކުނާލްގެ އިތުރުން، އަޖޭ އާއި ކާޖަލްއަށްވެސް ސަނީގެ އަޑު ރީތިވެގެން އެ ވާހަކަދެއްކިއެވެ.