ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަކްޝޭ ކުމާރުގެ ގިނަ ފިލްމުތަކެއް މިއަހަރު ސިނަމާއަށް ނިކުންނާނެއެވެ.

"ގުޑް ނިއުސް" އިން އަކްޝޭ އެންމެ ފަހުން ފެނިގެންދިޔައިރު މިހާރު ވެސް މިއަހަރު ގިނަ ފިލްމުތަކެއް ނެރުމަށް ވަނީ ތާވަލު ކުރެވިފައެވެ. އޭގެތެރޭގައި "ލަކްސްމީ ބޮންބް"، "ޕްރިތްވީ ޖޯހާން" އަދި "ބައްޗަން ޕާންޑޭ" ހިމެނެއެވެ. އޭގެއިތުރުން، އޭޕްރިލް މަހު "އަތްރަންގީ ރޭ" ގެ ސޫޓިންވެސް ފެށިގެންދާނެއެވެ.

މިއަހަރަކީ އަކްޝޭއަށް ވަރަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމާމެދު ޝައްކެތްނެތެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި 7 އަހަރަށް ފަހު އަކްޝޭ، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ އެކްތާ ކަޕޫރާއިއެކު މަސައްކަތް ކުރާތަން ހަމަ މިއަހަރު ފެނިގެންދާނެއެވެ. އެކްތާ ޑައިރެކްޓް ކޮށްފައިވާ ފިލްމަކުން އަކްޝޭ ފެނިފައިވަނީ "ވަންސް އަޕޮން ޓައިމް އިން މުންބާއީ ދޮބާރާ" އިންއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެކްތާ އާއި އަކްޝޭ ވަނީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިން އެކްތާގެ ފިލްމެއް ކުޅެން ސޮއިވެސް ކޮށްފައެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނެ ކަމަށް ބެލެވެނީ ރޯހިތް ޝެޓީ ޑައިރެކްޓުކޮށް މިއަހަރު ނެރުމަށް ހަމަޖެހިފައިވާ "ސޫރްޔަވަންޝީ" އިންއެވެ. މި ފިލްމުގެ ލީޑު ރޯލުން ކެޓްރީނާ ކައިފް، އަޖޭ ދެވްގަން، އަދި ރަންވީރް ސިންގް ފެނިގެންދާނެއެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކޮށް މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ނެރުނު "ގުޑް ނިއުސް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ ކިއާރާ އަދްވާނީ، ކަރީނާ ކަޕޫރް އަދު ދިލްޖިތް ދޮސަންޖް އެވެ.