ޔޫއޭއީގެ ސިޓީއެއް ކަމަށްވާ އުމް އަލް ކުވައިންގައި ގައި ދިރިއުޅެމުން އަންނަ މި އަންހެން މީހާއަށް އޭނާގެ ބައިވަރު ކޮއްކޮއިން ތިބޭކަން އިނގެއެވެ. އެހެން ނަމަވެސް އެ ކޮއްކޮމެން ތިބެނީ ކޮންތަނެއްގައި ކަމާއި އެ މީހުން ތިބޭ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އެންމެ ފަހުން އޭނާ ބޭނުންވީ ކޮއްކޮމެންނާއި ދިމާ ކުރާށެވެ.

ފުލުހުންގެ ސޯޝަލް ސަޕޯޓް ސެންޓަރުގެ އެހީތެރިކަމާއެކު އޭނާއަށް މި ވަނީ ކޮއްކޮ މެންނާއި ބައްދަލުވެފައެވެ. އެއީވެސް 25 އަހަރުފަހުންނެވެ.

އެ ގައުމުގެ ފުލުހުން ބުނެފައިވާގޮތުގައި، ޒުވާން އަންހެނަކު ފުލުހުންގެ ސެންޓަރަކަށް އައީ ކޮއްކޮމެންގެ ޑޮކިއުމެންޓްތައް ހޯދާށެވެ. އޭނާއަށް އެ ގަނޑުތައް ފެނުމުންނާއި ކޮއްކޮ މެންގެފޮޓޯތައް ފެނުމުން ރޮވުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"އަހަރެންނަށް އަދި އެންމެ ފަހަރަކުވެސް އެ މީހުންނެއް ނުފެނޭ، އެންމެ ފަހަރަކުވެސް". އޭނާ ރޮނީ ކީއްވެގެންތޯ ފުލުހުން އެހުމުން އޭނާ ބުނި ކަމަށް ވެއެވެ.

"އަހަރެންގެ ބައްޕަ އަހަރެންގެ މަންމަ ވަރިކޮށްފައިދިޔަފަހުން އަހަރެންނަށް ކޮއްކޮ މެންނާއި ބައްދަލެއް ނުވޭ".

އެ ވާހަކަ އަޑުއިވިފައި ސޯޝަލް ވޯކަރަކު ވަނީ އެ އަންހެން މީހާއަށް އެހީތެރިވާން ނިންމާފައެވެ. އަދި އޭނާގެ ކޮއްކޮމެން ހޯދުމުގެ މަސައްކަތް ފެށިއެވެ. އެންމެންފަހުން، އެ މީހާއަށް އެ ކޮއްކޮމެންގެ މަންމަ އާއި ވާހަަކަދައްކައިގެން އެ މީހުންނާއި ބައްދަލުވެވޭވެ ގޮތް ހަމަޖެއްސިއެވެ.

އެ އަންހެން މީހާއަށް އޭނާގެ ކޮއްކޮމެންނާއި ވަނީ ބައްދަލުވެފައެވެ. އޭނާއަށް ކޮއްކޮމެންނާއި ބައްދަލުވީ މަންމަގެ ގެއިންނެވެ. ކޮއްކޮމެންނާއި ބައްދަލުކޮށް އެ މީހުން ވަނީ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.