މި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރިލީޒްކޮށްފައިވާ ބޮލީވުޑް ފިލްމު "އޮކްޓޫބާރ" އަކީ މަރަތި ފިލްމެއް ކަމުގައިވާ "އާރޓި" ގެ ކޮޕީ ފިލްމެއް ކަމުގައި ފިލްމު އުފައްދާ ފަރާތެއް ކަމުގައިވާ ހެމަލް ޓްރެވިޑީ ބުނެފިއެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި، ހެމަލް ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "އޮކްޓޫބާރ" އުފެއްދި ފަރާތުން މަރަތި ފިލްމު "އާރޓި" ގެ ޑައިރެކްޓަރު ސަރިކާގެ ފަރާތުން ހުއްދަވެސް ހޯދާފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ޑައިރެކްޓަރު ސަރިކާ ބުނެފައިވަނީ މި ދެ ފިލްމު ބެލުމަށް ބެލުންތެރިންނަށް ގޮވާލާކަމަށާއި އޭރުން ދެ ފިލްމުގެ އެއްގޮތް މިންވަރު އެނގޭނެ ކަމުގައެވެ. އަދި އޭނާ "އޮކްޓޫބާރ" ބެލުމުން އިހްސާސްވީ އޭނާގެ ފިލްމުގެ ކެރެކްޓާ ތަކާއި މި ފިލްމުގެ ކެރެކްޓާތަކާއިވެސް އެއްވެސް ތަފާތެއް ނެތް ކަމަށާއި އެހެންނަމަވެސް ބައެއް ޑައިލޮގް ކުޑަކޮށް ތަފާތު ކަމުގައެވެ.

މަރަތި ފިލްމު "އާރޓި" ބިނާ ކުރެވިފައިވަނީ ކާރު އެކްސިޑެންޓެއްގެ ސަބަބަން ޕެރެލައިޒްވި ފިލްމުގެ ޑައިރެކްޓަރު ސަރިކާގެ ބޭބެގެ ދިރިއުޅުމުގެ މައްޗަށް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ސީދާ އޭނާގެ ބޭބެ ޕްރައިވެޓް ދިރިއުޅުމުގެ މި ހާދިސާ މިހާ ފުރިހަމައަށް ފިލްމުގައި ދައްކައިދޭން ވިސްނުނީ ކިހިނެއްތޯވެސް ސަރިކާ ވަނީ ސުވާލު އުފައްދާފައެވެ.

އޭގެ އިތުރުންވެސް އޭނާ ބުނެފައިވަނީ، "އޮކްޓޫބާރ" ފިލްމު އުފެއްދުމުގެ ޚިޔާލު އައި ގޮތް އެނގެން ބޭނުންވާ ކަމަށެވެ.

މިކަމާއި ގުޅިގެން "އޮކްޓޫބާރ" ގެ ޓީމުން ބުނެފައިވަނީ އެއީ ފިލްމުގެ ޑައިރެކްޓަރުގެ މަންމައަށް ދިމާވި ކަމަކުން ޚިޔާލު ހޯދައިގެން އުފެއްދި ފިލްމެއް ކަމަށެވެ. އަދި އިތުރަށް އެ ޓީމުން ބުނެފައިވަނީ މިކަމާ ގުޅިގެން އިތުރު އެއްޗެއް ފަހުގެ ވަގުތެއްގައި އާންމު ކުރާނެ ކަމުގައެވެ.

"އޮކްޓޫބާރ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ލީޑު ރޯލުން ކުޅަދާނަ އެކްޓަރު ވަރުން ދާވަން އާއި ބެނީތާ ސަންދޫ ފެނިގެން ގޮސްފައިވާ އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު