ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަޖޭ ދޭވްގަންގެ ތިން ފިލްމެއް މިއަހަރު ސިނަމާތަކަށް ނެރުމަށް ތާވަލްކޮށްފިއެވެ.

މިއަހަރު ޖެނުއަރީ ހަ ވަނަ ދުވަހު ނެރުނު "ތަންހާޖީ" ފެނިގެންދިޔައީ 17 ވަނަ ގަރުނުގެ މިލިޓަރީ ލީޑަރެއްގެ ރޯލުންއެވެ. މި ފިލްމަށް ބޮކްސް އޮފީހުން 359.77 ކުރޯޑު ވަނީ ލިބިފައެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނުނީ ސައިފް އަލީ ޚާން، ކާޖޮލް އަދި ނޭހާ ޝަރްމާއެވެ.

މި ދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރު މި އަހަރު އަޖޭއަށް ފުރިގެންދާނެއެވެ. ރޯހިތް ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ލީޑު ރޯލުން ކެޓްރީނާ ކައިފް، އަކްޝޭ ކުމާރު، ރަންވީރު ސިންގް އަދި އަޖޭ ދެވްގަން ފެނިގެންދާ "ސޫރްޔަވަންޝީ" ސިނަމާއަށް ނެރުމަށް ހަމަޖެހިފައިވަނީ ވެސް މިއަހަރު ތެރޭގައެވެ. މި ފިލްމުގެ ޕޯސްޓަރުތަކުން އަޖޭ، ރަންވީރު އަދި އަކްޝޭ ފެނިގެންދަނީ ފުލުހެއްގެ ރޯލުންނެވެ. އަދި މި ފިލްމު ސިނަމާތަކަށް ނެރޭނެ ކަމަށް ލަފާކުރަނީ މާޗް 24 ހިސާބުގައެވެ. އޭގެ އިތުރުން، މި ފިލްމުގެ ޓްރެއިލާ ބެލި ހުރިހާ އެންމެންވެސް ބުނަނީ މި ފިލްމު ވަރަށް ރީތިވާނެ ކަމަށެވެ.

https://www.youtube.com/watch?v=YEiI9deDm8c

އަބީޝޭކް ދޫދިޔާ ޑައިރެކްޓްކޮށް މާޗް 13 ގައި ނެރުމަށް ހަމަޖެހިފައިވާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ލީޑު ރޯލުން އަޖޭ ފެނިގެންދާނެއެވެ. މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތެހީ، ސޮނާކްޝީ ސިންހާ، އަމީ ވުރިކް އަދި ޕްރަނިންތާ ޝުބާޝް ފެނިގެންދާނެއެވެ. ސިފައިންގެ މީހެއްގެ ރޯލުން އަޖޭ ފެނިގެންދާއިރު މިއީ އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހިނގި ހަނގުރާމައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.