ހަނގާކުރުމާއި ޖިންސީ ގޯނާ ލިބެމުންދާ ފިރިހެނެއްގެ ވާހަކަ ގެނެސްދޭ ދިވެހި ވެބް ސީރީޒް "އެހެނަސް" އިން ގަނާާއި، ޖިންސީ އަނިއާ، އާ ދެކޮޅަށް ކުރެހުންތައް ދައްކުވައިދޭ މައުރަޒެއް ބާއްވަން ނިންމައިފިއެވެ.

މާދަމާ ހަވީރު 16:00 ން ރޭގަނޑު 22:00 އަށް ބާއްްވަން ހަމަޖެހިފައިވާ މި މައުރަޒު އޮންނާނި ނޭޝަނަލް އާޓް ގެލެރީގައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކުރެހުމުގެ މައުރަޒުގެ އޮފިޝަލަކު ވިދާޅުވީ، މި ކުރެހުމުގެ ބޭނުމަކީ ބައިސްކޯފުން ގެނެސްދިން "އެހެނަސް" ގައި ފެނިގެންދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ ސީރީޒް "އެހެނަސް" ގެ ފުރަތަމަ ސީޒަން، ވަނީ ގިނަ ބަޔަކު ބަލާ ތައުރީފު ކޮށްފައެވެ. އަދި މިއަހަރު ތެރޭ އެ ސީރީޒްގެ ދެވަނަ ސީޒަންއެއް ނެރޭނެއެވެ. މިހާރު މި ސީރީޒްގެ ޓީޒާ ދައްކާލާފައިވާއިރު ގިނަ ބަޔަކު ތިބީ ބައިސްކޯފަށް މި ޑްރާމާ ނެރޭނެ ދުވަހަކަށް ކެތްމަދު ވެފައެވެ.

ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން އިން ފެނިގެންދިޔައީ ހަނގާކުރުމާއި ޖިންސީ ގޯނާ ލިބެމުންދާ ކުއްޖެއްގެ ވާހަކަތައް ކިޔާދޭ ސީރީޒްއެކެވެ. މި ސީރީޒްގެ ދެވަނަ ބައިން ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ލީޑު ރޯލު ކުޅެފައިވާ މުހައްމަދު ވިޝާލް އެވެ. އެހެނަސް ފުރަތަމަ ބަޔަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައެވެ.

ރާއްޖޭގައި ހަނގާކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. މިކަހަކަ ދަނޑިވަޅެއްގައި މިކަހަލަ ސީރީޒްއެއް ނެރުމަކީ ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި ވަރަށް ރަނގަޅު ކަމެކެވެ.

މި ސީރީޒްއަކީ މަޝްހޫރު ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ "އެހެނަސް ހަމަ ލޯބިވެޔޭ"ގެ މައްޗަށް ހަދާފައިވާ ސީރީޒްއެކެވެ. މި ސިރީޒް އިގްބާލްގެ ވާހަކައަށް ބިނާކޮށް ގެނެސްދީފައިވީ ނަމަވެސް، ސީރީޒްގައި އިތުރު ޓްވިސްޓްތައް ވެސް ވަނީ ދައްކައިފައެވެ.

އެގޮތުން ވާހަކައިން ނުފެންނަ އާ ކެރެކްޓާއެއް ސީރީޒް އިން ފެނިގެންދިޔައެވެ.

އެހެނަސްގެ ފުރަތަމަ ބައިގައި 10 އެޕިސޯޑު ވަނީ ގެނެސްދީފައެވެ. އަދި މި ސީޒަނުގައި 12 އެޕިސޯޑު ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.