މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފުރަތަމަ ދިވެހި ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެއެވެ.

މަރިޔަމް މޫސާގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ޓެކްކޯ މީޑިއާއިން ގެނެސްދޭ މި ފިލްމު މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު، އޮލިމްޕަހުގައި ފަސް ޝޯއެއް އެޅުވުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް މިރޭގެ ޕްރިމިއާ ޝޯ އަދި މާދަމާ ރޭގެ ޝޯ މިހާރުވެސް ވަނީ ގާތްގަނޑަކަށް ފުލްވެފައި ކަމަށާއި މިމަހުގެ 26،27 އަދި 28 ވަނަ ދުވަހު އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ފިލްމުގެ މާކެޓިން ޓީމުން މައުލޫމާތު ދެއްވައެވެ.

އެހެންކަމުން މިރެއާއި މާދަމާ ރޭގެ ޝޯގެ ޓިކެޓް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން އަވަސް ގޮތަކަށް އޮލިމްޕަހުން ޓިކެޓް ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.

މުޅި ޖުމްލަ ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ ތީމް ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ތިއްތިއެވެ. އަދި މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ މަލީހާ ވަލީދުއާއި، އަޙްމަދު އަޒްމީލް އަދި މަރިޔަމް ޝަހްޒާގެ އިތުރުން އަޙްމަދު އަމަން އަދި ލަންކާގެ ބަތަލާ އުދޭނީއެވެ.

މާލެއާއި ހުޅުމާލޭގައި އަދި ހދ.ކުޅުދުއްފުއްޓާއި، ލ.ގަން އަދި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައިވެސް މި ފިލްމުގެ ޝޯތައް އެޅުވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އިތުރު ރަށްތަކުން ފިލްމުގެ ޝޯތައް އެ ރަށެއްގައި ދެއްކުމަށް ޝައުގުވެރިވެލައްވާނަމަ ފިމްމުގެ ޓިކެޓް އަދި ޝޯތަކުގެ މައުލޫމާތު ދިނުމަށް ހާއްޞަކޮށްފައިވާ 9884044 ނުވަތަ 7907789 ނަންބަރު ފޯނާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ޓެކްނޯ މީޑިއާއިން ވިދާޅުވިއެވެ.

ދިވެހި ވާހަކަ ކިޔުންތެރިންގެ މެދުގައި މަޤްބޫލު އަދި އެ ވާހަކަ ލިޔުންތިޔާގެ ވާހަކަތަކަށް ރާއްޖޭގައި މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ޑައިރެކްޝަން ފެނިގެންދާ އަސަރުގަދަ އިބްރަތްތެރި މި ފިލްމުގައި، ދިރިއުޅުމުގެ އެކި ކަންތައްތަކަށް، ހާއްޞަކޮށް "ދޮގު" ހެދުމުން ދިމާވެދާނެ ދެރަޔާއި މައްސަލަތަކެއް ފެނިގެންދާނެކަމަށް ޓެކްނޯ މީޑިއާގެ މާކެޓިން ޓީމުގެ ފަރާތުން މަރިޔަމް ސުހާނާ ވިދާޅުވިއެވެ.

މަރީގެ އަސަރުގަދަ ލޯބީގެ އިބްރަތްތެރި ފިލްމު ބަލާލަން ބޭނުން ފަރާތްތަކުން މިރޭގެ ޝޯއަށް އިންތިޒާރު ކޮށްލައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިހުގެ ބޭބެ

    މިއީ އިސްލާމީ ޤައުމެއްގާ ކުރުން ހުއްދަ ކަމެއްތޯ ލޯބީގެ ފިލްމް ކުޅެ ހިލޭ އަންހެނުން" މީހުންގެ ފިރިންނާ" މީހުންގެ އަބީންނާ" ގައިގޯޅިވެ އުޅުން
    އީޔޫ އިން ގަރާރެއް ފާސް ކުރާއިރަށް މަގެ ދީނާ މަގެ ޤައުމު" ލެއްވިހާ ހަރާމް ކަމެއް ކޮށްފާމިކިޔަނީ މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ ނުވިތާކަށް ހަރާމް ކަންތައް އިސްތިހާރުންވެސް ހުއްދަ