ސަމްސަންގް އިން އަލަށް ނެރުނު އެސް-20 މަރުކާގެ ފޯނުތައް ވިކުނު މިންވަރު ވަރަށް ބޮޑަށް ދަށަށް ދިއުމުން އެއީ ކޮވިޑް-19 ފެތުރެމުންދާތީ ދިމާވި ކަމެއް ކަމަށް ކުންފުނީގެ އިސް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަމްސަންސް އިން ނެރުނު އެސް-20 މޮޑެލްގެ ފޯނު ފުރަތަމަ ދުވަހު ވިކުނު އަދަދު އެސް-10 ފުރަތަމަ ދުވަހު ވިކުނު އަދަދަށް ވުރެ މާބޮޑަށް ވެސް މަދެއެވެ. ފުރަތަމަ ދުވަހު ވިކިފައި ވަނީ އެސް-20 ގެ 70800 ފޯނެވެ. އެސް-10 ނެރުނު ދުވަހު 140000 ފޯނު ވިކުނެވެ. ގެލެކްސީ ނޯޓް-10 ނެރުނު ދުވަހު ވެސް 220000 ފޯނު ވިކުނެވެ.

"ފިހާރަތަކަށް ޒިޔާރަތްކޮށްގެން ފޯނު ގަންނަ މީހުންގެ އަދަދު ވަނީ ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް މަދުވެފައި. އެހެންކަމުން މިވަގުތު ފޯނުގެ ވިޔަފާރި ދަށް ނަމަވެސް ކުރިއަށް އޮތްތަނުގައި ރަނގަޅު ވެގެން ދާނެ." ސަމްސަންގް އިން ބުންޏެވެ.

ސަމްސަންގް އުފެއްދުންތަކުގެ ވިޔަފާރި އަބަދުވެސް އެންމެ ރަނގަޅީ ދެކުނު ކޮރެއާގައެވެ. ދެކުނު ކޮރެއާގައި ވަރަށް ހަލުވިކަމާއި އެކު މިހާރު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ.

ސަމްސަންގް އިން އަލަށް ނެރުނު ފޯނު ތަކުގެ ވިޔަފާރި ދަށްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ސަމްސަން އިން ބުނި ނަމަވެސް އަލަށް ނެރުނު ފޯނުތަކުގެ އަގު ބޮޑުވުމުން ފޯނުތަކުގެ ވިޔަފާރި ދަށްވެދާނެ ކަމަށް ތަޖުރިބާކާރުން ކުރިން ވެސް އޮތީ ލަފާކޮށްފައެވެ.

އަލަށް ނެރުނު އެސް-20 ވިއްކަނީ 999.99 އެމެރިކާ ޑޮލަރަށެވެ. އެސް-20 ޕްލަސް ވިއްކަނީ 1199.99 އެމެރިކާ ޑޮލަރަށެވެ. އަދި އެސް-20 އަލްޓްރާ ވިއްކަނީ 1399.99 އެމެރިކާ ޑޮލަރަށެވެ.

ކޮވިޑް-19 ގެ ސަބަބުން ސަބަބުން ސަމްސަންގްގެ ފޯނުތައް ވިކޭ މިންވަރު މަދުވެފައި ވާއިރު ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ވެސް އަންނަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.