"އެކް ވިލަން" ގެ ދެވަނަ ބައިގައި ޖޯން އަބްރަހަމް، އަދިތިޔާ ރޯއި ކަޕޫރު އަދި ދިޝާ ޕަޓާނީ ލީޑު ރޯލުން ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންްޑިއާގެ ނޫހަކުން ބުނި ގޮތުގައި މި ތިން ތަރިން މޯހިތު ސޫރީ ޑައިރެކްޓް ކުރާ "އެކް ވިލަން" ގެ ދެވަނަ ބައިން ފެނިގެން ހިނގައިދާނެ ކަމަށެވެ. މޯހިތު ސޫރީ ދިން އިންޓަވިއުއެއްގައި ބުނީ ދިޝާ ބޭނުންވަނީ އެކްޝަން ފިލްމެއް ކުޅެން ކަމަށެވެ. މިއީ ސްޓަންޓްތައް ޖައްސައި، މާރާމާރީގެ މަންޒަރުތައް ކުޅެން ބޭނުންވެގެން ބުނި ފުރަތަމަ އަންހެން އެކްޓަރެސް ކަމަށް މޯހިތު ބުންޏެވެ.

އެ ހިސާބުން ދިޝާ އެކް ވިލްންގެ ދެވަނަ ބައިގެ ލީޑު ރޯލަށް ނެގުމަށް ނިންމިކަން ވެސް މޯހިތު ބުންޏެވެ.

މި ފިލްމުގައި ދިޝާއާ ޖޯން އެކުގައި ފެނިގެންދާ އިރު ތަފާތު ދިޝާގެ ސްޓަންޓްތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދިތިޔާ ރޯއި ކަޕޫރް އަދި ދީޝާ ޕަޓާނީ އެކުގައި ފެނިގެންދިޔަ ފިލްމު "މަލަންގް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މޯހިތު ސޫރީ ޑައިރެކްޓުކޮށް ފެބްރުއަރީ ހަތް ވަނަ ދުވަހު ނެރުނު "މަލަންގް" އަށް ފުރަތަމަ ހަފްތާ ތެރޭގައި އެކަނިވެސް ބޮކްސް އޮފީހުން 38 ކުރޯޑު އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ. މި ފިލްމުގައި ފެނިގެންދަނީ އިންޑިއާގެ އަވަށެއް ކަމުގައިވާ ގޯއާގައި ދެ ލޯބިވެރިއަކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކުރިމަތިވާ ކަންތައްތަކެއްގެ ސަބަބުން ފުލުހުން އެމީހުންގެ ދިރިއުޅުމަށް ވެރިވެގަންނަ މަންޒަރެވެ. ކުށްވެރިއެއްގެ ރޯލުން އަދިތިޔާ އާއި ދިޝާ ފެނިގެންދާ އިރު، އަނިލް އާއި ކުނާލް ކޭމޫ ފެނިގެންދަނީ ފުލުހުންގެ ރޯލުންނެވެ.