ސުސާންތް ސިންގ ރަޖްޕުޓް ހަރަކާތްތެރިވާ ޓުރަން މުސްކާނީ ޑައިރެކްޓް ކޮށްދީފައިވާ "ޑްރައިވް" ސެޕްޓެމްބަރ މަހު 7 ގައި ނެރޭނެކަމަށް ބުނެފިއެވެ.

އެކްޝަން ގިނަ މަންޒަރުތަކާއި ކާރުގެ ގިނަ މަންޒަރުތަކެއް ހިމެނޭ ބޮލީވުޑްގެ ފުރަތަމަ މި ބާވަތުގެ ފިލްމް ކަމަށްވާ "ޑްރައިވް" ގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާކަމަށް ކަރަން ޖޯހަރު ބުންޔެވެ.

ޓުރަން އެންމެ ފަހުން ޑައިރެކްޓް ކޮށްދީފައިވާ ފިލްމަކީ 2008 ވަނަ އަހަރު ޖޯން އަބްރަހަމް އާއި، އަބީޝޭކް ބައްޗަންއާއި ޕްރިޔަންކާ ލީޑް ރޯލް ކުޅެފައިވާ "ދޯސްތާނާ" އެވެ. އެ ފިލްމަކީ މަޖާ އަދި ސިރިއަސް ކަންތައްތަކެއް ހިމެނޭ ރީތި ފިލްމެކެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ބުނާ ގޮތުގައި "ޑްރައިވް" އަކީ އިޒްރެއިލްގައި މިހާތަނަށް ކުޅުނު ފުރަތަމަ ބޮލީވުޑް ފިލްމަށް ވާނެކަމަށެވެ، އަދި އެފިލްމް އިޒްރެއިލްގެ ސިނަމާތަކުގައިވެސް އަޅުވާނެކަމަށް ބުނެއެވެ.

ސްރީލަންކާއަށް ނިސްބަތްވާ ޖަކުއަލައިންގެ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި "ޖުޑުވާ 2"، "ރޭސް 3" އަދި "ރާބްތާ" ފަދަ ކާމިޔާބު ފިލްމްތަށް ހިމެނެއެވެ. ސުޝާންތް ވެސް މިހާރުދަނީ ސައިފް އަލީ ޚާންގެ ދަރި ސާރާ އަލީ ޚާންއާއި އެކީގައި މި ޑިސެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމް "ކެޑާނަތު"ގެ މަސައްކަތް ކުރަމުންނެވެ.