ފުރަތަމަ ނަޒަރުން ލޯބިވުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. އެހެން ނަމަވެސް އެ ލޯބި ހާސިލް ކުރުމަށް މަސައްކަތް ކުރާނީ މަދު ބައެކެވެ. އެހެން ނޫންތޯއެވެ؟

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ "ތިޔަ ލޮތްބާއި ދުރަށް" މި ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ 40 ވަނަ ވާހަކައެެވެ. އެ ފިލްމެއްގެ ސިފައިގައި އާއްމުންނާއި ހަމައަށް ރޭ މި ވަނީ އައިސްފައެވެ.

ސަޒާ ފަދަ މޮޅުތި ފިލްމްތަކުގެ ވާހަކަ ލިޔުނު މަރިޔަމް މޫސާގެ "ތިޔަ ލޮތްބާއި ދުރަށް" ވާހަކަ ލިޔެ ޑައިރެކްޓް ކުރީވެސް އޭނާއެވެ. ރޭ އޮލިމްޕްހުގައި އޮތް ކުލަ ގަދަ ރަސްމިއްޔާތެއްގެ ތެރެއިން އެ ފިލްމް ޕްރިމިއާކޮށްފައި ވަނީ މަރިޔަމް މޫސާގެ ވަރަށް ގާތް އެކުވެރިއެއްކަމަށްވާ ލެެފްޓިނެންޓް ކާނަލް އަލީ ހުސައިން އެވެ.

މި ފިލްމަކީ އަވައްޓެރި ލަންކާގައި އެއްކޮށްހެން ކުޅެފައި އޮތް ފިލްމެކެވެ. މިއީ ލޯބީގެ ފިލްމްތައް ބަލާ މީހުންނަށް ވަރަށްވެސް ކަމުދާނެ ފިލްމަކަށްވެގެންދާނެއވެެ.

މުޅި ޖުމްލަ ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ ތީމް ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ތިއްތިއެވެ. މި ފިލްމްގައި ކުރީގެ ރިތީ ލަތަތަކެއްވެސް ވަނީ ހިމަނާފައެވެ.

މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ މަލީހާ ވަލީދުއާއި، އަޙްމަދު އަޒްމީލް އަދި މަރިޔަމް ޝަހްޒާގެ އިތުރުން އަޙްމަދު އަމަން އަދި ލަންކާގެ ބަތަލާ އުދޭނީއެވެ.

ޓެކްކޯ މީޑިއާއިން ގެނެސްދޭ މި ފިލްމު އިތުރު ޝޯވތަކެއް އޮލިމްޕަހުގައި އަާއި އޮތޮޅު ތެރޭގައި އެޅުވުމަށް ހަމަޖެހިފައިވެއެވެ. މާލޭގައި އޮންނަ ޝޯވތައް މިރެއާ، މިމަހުގެ 26،27 އަދި 28 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނާނެއެެ.

މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި އަދި ހދ.ކުޅުދުއްފުއްޓާއި، ލ.ގަން އަދި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައިވެސް މި ފިލްމުގެ ޝޯތައް އެޅުވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އިތުރު ރަށްތަކުން ފިލްމުގެ ޝޯތައް އެ ރަށެއްގައި ދެއްކުމަށް ޝައުގުވެރިވެލައްވާނަމަ ފިމްމުގެ ޓިކެޓް އަދި ޝޯތަކުގެ މައުލޫމާތު ދިނުމަށް ހާއްޞަކޮށްފައިވާ 9884044 ނުވަތަ 7907789 ނަންބަރު ފޯނާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ޓެކްނޯ މީޑިއާއިން ވިދާޅުވިއެވެ.