އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމެރިކަން އައިޑަލްގެ ޖަޖް، ކެޓީ ޕެރީ، އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ.

ފެރީ އޭނާ ބަލިވެއިންކަން ހާމަކޮށްފައި ވަނީ އޭނާގެ އެންމެ ފަހުން ނެރުނު ވީޑިއޯ ލަވަ، "ނެވަރ ވޯން ވައިޓް" ގައެވެ. އެ ލަވައިގައި ކެޓީ ޕެރީ ފެނިގެންދާއިރު، ލަވަ ނިންމާލަމުން އޭނާ ބަލިވެއިންކަން ހާމަވާ މަންޒަރެއް ހިމަނާފައި ވެއެވެ. މިއީ މިއަހަރު ނެރުނު ޕެރީގެ އެންމެ ފުރަތަމަ ލަވައެވެ.

ޕެރީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީ އޭނާގެ ބައިވެރިޔާ، އޯލާންޑޯ ބްލޫމް އާއި އެކު އުޅޭތާ ގިނަ ދުވަސްތައް ވެފައި ވަނިކޮށެވެ. މަޝްހޫރު އިނގިރޭސި އެކްޓަރ އޯލާންޑޯ އާއި ޕެރީ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2016 ވަނަ އަހަރުއެވެ. މި ދެތަރިން އެންގޭޖް ވެފައިވީނަމަވެސް އަދި ކައިވެނިކުރި ކަމެއް ހާމައެއް ނުކުރެއެވެ.

އުމުރުން 35 އަހަރުގެ ޕެރީ ބަލިވެއިރު އިރު، އޭނާ ބުނެފައިވަނީ އެކަން އޭނާގެ ފޭނުންނާއި އެނޫން ފަރާތްތަކަށްވެސް ހާމަކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ޕެރީ ލަވަކިޔުމުގެ ދާއިރާއިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ 2008 ވަނަ އަހަރު ނެރުނު އޭނާގެ ދެވަނަ އަލްބަމް، "ވަން އޮފް ދަ ބޯއިޒް" އިންނެވެ. އެއަށްފަހު އޭނާގެ ގިނަ ލަވަތަކެއް އާންމުންނާއި ހިސާބަށް އައިސްފައިވާއިރު، އޭނާއަކީ މިހާރު އެމެރިކާގެ އެންމެ ކާމިޔާބު އެއް އާޓިސްޓެވެ. ކެޓީ މިހާރު ދަނީ އާ އަލްބަމެއްގެ މަސައްކަތްވެސް ކުރަމުންނެވެ.

ޕެރީއަށް ވަނީ ގިނެސް ވޯލްޑް ރެކޯޑް އާއި އެމެރިކަން މިއުޒިކް އެވޯޑްސް އާއި ބްރިޓް އެވޯޑްސްގެ އިތުރުން ޖޫނީ އެވޯޑް ވެސް ލިބިފައެވެ. އޭނާ މީގެ ކުރިން ވަނީ "ފޯބްސް" އިން ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގައިވެސް ހިމެނިފައެވެ.