ނިދި އެއީ އަހަރެމެން އެންމެންނަށް ވެސް ކޮންމެހެން ބޭނުންވާ ކަމެކެވެ. ނަމަވެސް ނިދާއިރު ތިމާއަށް އޮވެވެނީ ކިހިނެއްތޯ ވިސްނާ މީހުން މަދުވާނެއެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކުވެސް ބަލާނީ، އެވަގުތު އޮވެވޭ އެންމެ ފަސޭހަ ގޮތަކަށް އޮވެގެން ނިދޭނެ ގޮތެކެވެ.

ނިންޖާއި ބެހޭގޮތުން ތަޖުރިބާކާރުން މީގެ ކުރިން ހެދި ގިނަ ދިރަސާތަކުން އެނގޭގޮތުގައި ނިދަން އޮވެވޭ ގޮތަކުން ސިއްހީ ގޮތުން އަސަރު ކުރެއެވެ. އެއާއި އެއްފަދައިން އިނގިރޭސިވިލާތުގައި ކުރިޔަށްގެންދިޔަ ދިރާސާއަކުން މިވަނީ ނިދަން އޮންނަ ގޮތަކުން ތިމާގެ ޝަހުސިއްޔަތުވެސް ދަނެގަނެވިދާނެ ކަމަށް ދައްކާފައެވެ.

ހާހަކަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން އނގިރޭސިވިލާތުގެ ސެލްފް އެސެސްމެންޓް އެންޑް އެޑްވައިޒަރީ ސާވިސްއިން ކުރިޔަށްގެންދިޔަ މި ދިރާސާގައި މީހުން އާންމުކޮށް ނިދަން އޮންނަ ގޮތްތަކާމެދު ހޯދުންތައް ވަނީ ހޯދާފައެވެ. އެހެންކަމުން އޭގެތެރޭގައި ހިމެނޭ ބައެއް ކަންތައް ހިމަނާލާނަމެވެ.

އެއްފަރާތަކަށް ފައި ކުރުކޮށްގެން އޮވެ ނިދުން

އެއް ފަރާތަކަށް އޮވެ ނިދުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި ވާ މުހިންމު ގުނަވަންތަކަށް ކުރާ ބާރު ކުޑަވާ ކަމެކެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ މިގޮތަށް އޮވެ ނިދާ މީހުންނެވެ. އެހެންކަމުން މިއީ ނިދަން އޮންނަ އެންމެ އާންމު ގޮތް ކަމަށް ދިރާސާ ކުރިޔަށްގެންދިޔަ ޓީމުން ޤަބޫލު ކުރެއެވެ. މިގޮތަށް އޮވެ ނިދާ މީހުންނަކީ ލަދު ރަކި އަދި ހިތް ތިރި ބައެއް ކަމަށް ދިރާސާގައި ބުނެއެވެ.

އެއް ފަރާތަކަށް ގަޔާއި އަތް ކައިރިކޮށްގެން އޮވެ ނިދުން

ސިއްހީ މާހިރުން ދެކޭ ގޮތުގައި މިގޮތަށް އޮވެ ނިދުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި މިގޮތަށް އޮވެ ނިދުމުން ގައިގައި، ހާއްސަކޮށް ބުރަކަށީގައި ރިއްސުމުން ދުރުކޮށްދެއެވެ. ސެލްފް އެސެސްމެންޓް އެންޑް އެޑްވައިޒަރީގެ ދިރާސާއިން އެނގޭގޮތުގައި މިފަދަ މީހުންނަކީ އަނެކާއާއި ގުޅިގެން މަސައްކަތް ކުރަން އިސްކަމެއް ދޭބައެކެވެ. އެހެން ނަމަވެސް އެފަދަ މީހުން ހައްދާލަން ފަސޭހަ ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ގަޔާއި އަތް ދުރުކޮށްގެން އުއްޑުން އޮވެ ނިދުން

އެންމެ ގިނައިން ގުގުރި ދަމަނީ މިގޮތަށް ތިބެ ނިދާ މީހުން ކަމަށްވެއެވެ. އަދި މިއީ އެންމެ ރަނގަޅު ނިންޖެއް ލިއްބައިދޭ ގޮތް ކަމަށް މީގެކުރިން ހޯދި ހޯދުންތަކުން ވަނީ އެނގިފައެވެ. އެހެން ނަމަވެސް މިއީ ރައްކާތެރި ގޮތެއް ކަމަށް ތަޖުރިބާކާރުން ނުދެކެއެވެ. މިގޮތަށް އޮވެ ނިދާމީހުން ޒިންމާދާރުވާނެ ކަމަށް ދިރާސާގައި ބުނެފައިވާއިރު އެހެން މީހުންގެ ކަންކަމަށް އެފަދަ މީހުން ވަރަށް ފަރުވާތެރިވާނެއެވެ.

ބަންޑުން އޮވެ ނިދުން

މިގޮތަށް އޮތުމުން ހަށިގަނޑުގެ ހަޖަމް ކުރުމުގެ ނިޒާމުގެ މަސައްކަތްތަކަށް ކުރިއެރުން ލިބެއެވެ. ދިރާސާއިން އެނގިގެން ދިޔައީ މިގޮތަށް އޮވެ ނިދާ މީހުން އާންމުކޮށް ކަންކަމުގައި ހަރުކަށިވެ "ސިނގު ރުޅި" އަންނާނެއެވެ. އެހެން ނަމަވެސް އެފަދަ މީހުން ހާސްވާލެއް އަވަސް ވާނެ ކަމަށް ދިރާސާއިން ވަނީ ހާމަވެގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ އިންނާނެ ރަގަޅު އަންހެނަކު ހޯދަން ނިދާފައި އޮއްވާ ދޯ އެއީ ކޮންކަހަލަ ކުއްޖެއްތޯ ބަލާލަންވީ! ކުރިން މީހުން ކައިރިއަށް ވަންނަނީ އެހެންވެގެންކަންނޭގެ!

    45
    4
  2. މަ

    ބަންޑުންއޮވެ ނިދާކަށް ނުވާނެ. ޝުކުރިއްޔާ!!!

    59
  3. ޚިޔާލު

    އަހަރެމެން ނިދަންވާގޮތް ވަނީ ސުންނަތުން ސާބިތުވާން ކާފިރުން ކުރާ ކޮން ދިރާސާ އެއްގެ ވާހަކައެއް ދައްކާކަށް. ބަންޑުން ތިބެނީ ނަރަކަވެރިން ނަރަކައިގަ. ޥ. ސަލާމް

    19
    3
  4. އަލީ

    ދިރާސާގެ ހަގީގަތް މިހާރު ސާފުވެއްޖެ. ބަންޑުންއޮވެ ނިދުން އެއީ ރަސޫލާގެ ނުރުހުން ފާލޫކުރެއްވި ކަމެއް

    47
  5. މަކިނބޫ

    ރާއްޖޭގަ މީހުން ނިދަނީ ވަރަށް ތަފާތު ކޮށް. ހުރިހާ ޕާޓީތައް މުށު ތެރެއަށް ލައިގެ ް.

    11
    1