ކަފާލާތުގެ ދަށުން ސަލްމާން ޚާން، ޖޯދުޕޫރުގެ ޖަލަކުން މިނިވަން ވިތާ އެހާ ދުވަސްވެފައިނުވަނީސް، އަނެއްކާވެސް އޭނާއަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ.

އޭނާއަށް މިފަހަރު ލިބިފައިވާ އުފަލަކީ، 2002 ވަނަ އަހަރު މަގެއްގެ މަތީގައި ނިދާފައި ތިބި ބައެއްގެ ގައިގައި ކާރުން ޖައްސާ މަރާލިކަމަށް ބުނާ މައްސަލައިގައި ނުވަތަ ހިޓް އެންޑް ރަން މައްސަލައިގައި އޭނާއާ ދެކޮޅަށް މުމްބާއީ ކޯޓުން ނެރެފައިވާ އަމުރެއް އުވާލުމެވެ. އެކޯޓުން އޭނާގެ މައްޗަށް ނެރެފައިވަނީ ބައިލަބަލް ވޮރަންޓް އެކެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި މި އަމުރު، ސަލްމާނުގެ މައްޗަށް ނެރެފައިވަނީ ކޯޓުން އެންގި ދެ ތާރީޚެއްގައި، އޭނާގެ ފަރާތުން ކަންކަން ގެރެންޓީ ކޮށްދޭނެ ފަރާތެއް ކޯޓަށް އެންގިފައިނުވާތީއެވެ. ގެރެންޓީ ކޮށްދޭ ފަރާތަކީ ސަލްމާން އުޅެނީ ރަނގަޅަށްކަން، ކޯޓަށް އަންގައިދޭން ހަމަޖައްސާ މީހެކެވެ.

ސަލްމާނާ ދެކޮޅަށް ހުރި މައްސަލަތަކުން، އޭނާއަށް ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ލިބިފައިވާއިރު، ކުރިއަށް އޭނާގެ މުޙިއްމު މަސައްކަތްތަކެއް ހުރިކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން "ރޭސް 3"، "ކިކް 2" އަދި "ދަބަންގު 3" ގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.