އިއްޔެ މެންދުރުހާއިރު އިވުނު ހަބަރަކީ އައްޑޫގައި މޫދަށް އެރި އުޅުނު ތިން ކުއްޖެގެ ތެރެއިން ދެ ކުއްޖަކު ގެއްލުނު ހިތާމަވެރި ހަަބަރެވެ. މި ދެކުދިން ގެއްލުނުތާ 24 ގަޑިއިރުވެގެން ދިޔައިރު، މި ދެ ކުދިން ފެނިފައެއް ނުވެއެވެ. ހުއްޓުމެއް ނެތި ފުލުހުންނާއި، ސިފައިން އަދި އާއްމުން މި ދެ ކުދިން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އައްޑޫ ހިތަދޫއަށް ނިސްބަތްވާ މި ދެކުދިން ގެއްލުމާއި ގުޅިގެން އެ ހިތާމަ މުޅި އައްޑޫ ސިޓީގެ ރައްޔިތުން ކުރަމުން އަންނައިރު، މޯލްޑިވިއަން އައިޑޮލް އިން ރޭ ކެޓި ހަސަން ޝަހުދާން ހުރީވެސް ބޮޑު ހިތާމައެއްގެ ތެރޭގައެވެ. އެ ދެ ކުދިންނަނީ ޝަހުދާންގެ އަވަށުގެ ދެކުދިންނެވެ.

އޭނާ ބުނީ، އައިޑޮލް އިން ވަކިވުމުން ލިބުނު ހިތާމައަށްވުރެ ދެ ކުދިން ގެއްލުމުން ލިބުނު ހިތާމަ މާބޮޑު ކަމަށެވެ.

އައްޑޫ ބަހުރުވައިން ފޭސްބުކްގައި ޝަހުދާން ލިޔެފައި ވަނީ، ޝަހުދާންއަށް އެ ދެ ކުދިން ގެއްލުނުކަންވެސް އެނގުނީ އައިޑޮލްއިން ވަކިވި ފަހުން ކަމަށެވެ. އަދި އުއްމީދު ކުރަނީ އެ ދެކުދިން ﷲގެ އިރާދަފުޅުން ވީ އެންމެ އަވަހަކަށް ފެނުންކަމަށްވެސް ޝަހުދާން ބުންޏެވެ.

ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ތިން ކުދިން ގެއްލުނު އިރު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ފެނިފައެވެ. ގެއްލިގެން ހޯދާ ދެ ކުދިންނަކީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީއެވެ.