(އައްޑޫސިޓީ، ހިތަދޫ) ފަތިހު ހޭލައިގެން އާދައިގެމަތިން ފުޓުބޯޅަ ކުޅެން ދިއުމަށްފަހު، ތިން އެކުވެރިން އެކުގައި ދިޔައީ މޫދަށް އެރިލާށެވެ. ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވިއެއްކަމަކު ޢާންމުކޮށްވެސް މޫސުން ގޯސް ދުވަސްތައް ފެނިފައި ވުމުން އެކަމާއި މާބޮޑު ޚިޔާލެއް ނުކުރެވުނީއެވެ. އެހެނަސް އެކަން ހިތަށް ގެނެވުނީ ބިޔަ ރާޅުތަކެއްގެ ތެރެއަށް ދަމައިގަތް އެ ބިރުވެރި ވަގުތުގައެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ.

ސަލާމަތް ވެވޭތޯ ތިން ކުދިންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ގަދަ ކަނޑެއްގެ ގަދަފަދަ އޮއި އެކަމަށް ހުރަހަކަށްވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އައްޑޫސިޓީ ހިތަދޫއިން އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ތިންކުދިންގެ ތެރެއިން، ސަލާމަތްވި ރާއިފް އަލީ އަށްވެސް، މީހެއްގެ އެހީތެރިކަން ލިބުމުން، "ކިރިޔާ އާދެވުނީ"އެވެ.

އެދުވަހުގެ ބިރުވެރި ހާދިސާ "ވަގުތު" އާއި ހިއްސާކުރަމުން އުމުރުން 16 އަހަރުގެ ރާއިފް ބުނެފައިވަނީ، ދުވަހަކުވެސް އެފަދަ ދުވަހެއް ނުދެކޭ ކަމަށެވެ. އަދި އެ ދުވަސް، ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެކަމަށް އޭނާ ބުންޏެވެ.

ރާއިފް ކިޔައިދިން ގޮތުގައި އެ ދުވަހު މެންދުރު 11:30 ހާއިރު ތިން ރަހުމަތްތެރިން މޫދަށް ދިއުމަށް ހިތަދޫ ފުއްޓަރު ފަރާތް، ނުވަތަ ހިތަދޫ މީހުން ބުނާ ގޮތުން ނަމަ، "ކަޅިބިތް" ފަރާތަށް ދިޔައިރު ކަނޑު އެއްވެސް ވަރަކަށް ގަދައެއް ނޫނެވެ. އޭރު ދިޔަވަރު އޮތީ ވަރަށް ރީއްޗަށް ކަމަށާއި ރާޅުވެސް އޭރުގައި ބޮޑު ނޫންކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ދިޔައިރު ވަރަށް ކަނޑު މަޑުކޮށް އޮތީ. ހީވެސްނުވޭ ކަނޑު ގަދަވެ މޫސުން ގޯސްވެދާނެހެން. އެހާވެސް ރީއްޗަށް އޮތީ. ކުރިންވެސް ގޮސް އުޅެން ކުޅެ ނިންމާފައި މޫދަށް އެރިލަން. އެގޮތުގެ މަތިން އެދުވަހުވެސް ދިޔައީ. ކުޅެން އެހެން ކުދިންވެސް ދިޔަ. އެކަމަކު މޫދަށް ދާން ނިންމީ އަޅުގަނޑުމެން ތިން މީހުން އެކަނި،" ރާއިފް ކިޔައިދިނެވެ.

ހެނދުނުން ފެށިގެން ރަހުމަތްތެރީންނާއި އެކު ފުޓުބޯޅަ ކުޅެން އުޅުމަށްފަހު، ވަރުބަލިކަން ފިލުވާލައި ފިނިކޮށްލުމަށް މޫދަށް އެރިލާފައި ނޫނީ ނުދާން ތިން އެކުވެރިންވެސް ބޭނުންވީއެވެ. ރާއިފް ބުނިގޮތުގައި މޫދުގައި ތިން ކުދިންވެސް ތިބީ ކައިރީގައި ފެންނަ ހިސާބުގައެވެ. އަދި އެކަކު އަނެކަކާއި ވާހަކަ ދައްކައި ސަމާސާވެސްކޮށް ހެދި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ވަގުތުކޮޅެއްގެ އެ އުފާވެރިކަމަށް ނިމުމެއް އައީ ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"ކުއްލިއަކަށް ކަނޑު ގަދަވެ ވަރަށް ބިޔަ ރާޅެއް ނެގީ. ފުރަތަމަ ރާޅާއެކުވެސް ތިން މީހުން ބެހިގެންދާން ފެށި. ފަހުން ނެގި ރާޅުތަކުގައި އެކި މީހުން އެކި ދިމަދިމާއަށް ގޮސް ގެއްލުނީ،" ރާއިފް ކިޔައިދިނެވެ.

ރާޅު ބޮޑުވެ ކަނޑު ގަދަވާން ފެށުމުން އެއްގަމަށް ދިއުމަށް ތިން އެކުވެރިންވެސް މިސްރާބު ޖެހި ކަމަށް ރާއިފް ބުނެއެވެ. އެންމެ ކުރީގައި ހުރީ އޭނާއެވެ. ހަމަ ގައިމުގެސް ފަހަތުން އެކުވެރިން އޭރު އަންނަކަން އޭނާއަށް އެނގެއެވެ. ނަމަވެސް އަނެއްކައި ނެގި ބިޔަ ރާޅެއްގައި ތިން ކުދިންވެސް ދުރަށް ބެހިގެން ދިޔައީއެވެ. ފަތަން މަސައްކަތްކުރި ނަމަވެސް އޮއި ބާރުކަމުން ކުރިއަކަށް ނުދެވެއެވެ. އަދި ރަނގަޅަކަށް ޙަރަކާތެއްވެސް ނުކުރެވެއެވެ.

މިގޮތުގައި އިރުތަކެއްވެ ވަރުބަލި ވެފައި ވަނިކޮށް މީހަކު އޭނާގެ އަތުގައި ހިފައި ދަމައިގަތްކަން އޭނާއަށް އެނގެއެވެ. އެއީ ހިތަދޫ ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީ އެވެ. އޭނާއަށް އެވަގުތުގެ ބިރުވެރިކަން ތަސައްވުރު ކުރެވިގެން އެއްގަމުގައި ހުރެފައި ބާރަށް ދުވެފައި ގޮސް އެންމެ ފުރަތަމަ އަތު ޖެހުނީ ރާއިފްއެވެ. އޭރު ފަހަތުގައި ރާއިފްގެ ގެ އެކުވެރިން ކަމުގައިވާ ހިތަދޫ ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީ ތިބިތަން އޭނާ ދެކުނެވެ. ނަމަވެސް ނެގި ބިޔަ ރާޅަކާއި އެކު އެކުދިން ދަމައިގަތީ ބޭރަށެވެ. ރާއިފް އެއްގަމަށް ގެންގޮސްދިނުމަށްފަހު ބަލައިލިއިރު ދެން ތިބި ދެކުދިން ފެންނާކަށްވެސް ނެތެވެ.

މި ބިރުވެރި ހާދިސާ ހިނގިތާ އެއް ދުވަސް ވެފައިވާއިރު، އަލީ އާއި މަޔާމީން އަދި ނުފެނެއެވެ. ސިފައިންނާއި ފުލުހުންނާއި ސަރުކާރު މުވައްސަސާތަކާއި ޢާންމުންގެ ގިނަ ބަޔަކުވެސް ދަނީ އެކުދިން ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ތިން ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ވަނީ ބަލައި ހޯދާފައެވެ. އެހެނަސް ހާދިސާ ހިނގި ވަގުތުން ފެށިގެން މިވަގުތާއި ހަމައަށް، މި މަސައްކަތްކުރާ ފަރާތްތަކުން ހިއްވަރު އެލުވައިނުލައެވެ.

ހޮނިހިރު ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާއަށްފަހު ގާތަކުގައި ޖެހި މޭމަތިން ބައެއް ތަންތަން މަށައިގެން ގޮސްފައި ހުރުން ފިޔަވައި ރާއިފްއަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވީ ނަމަވެސް، އޭނާ އާއި އާއިލާގެ މެމްބަރުން ތިބީ އުފަލުންނެއް ނޫނެވެ. ރާއިފްގެ ދެ ރަހުމަތްތެރިން އަދިވެސް ފެނިފައި ނުވާތީ އެންމެންވެސް ތިބީ ހާސްވެ އިންތިހާއަށް ދެރަވެފައެވެ. ރާއިފްގެ އެކުވެރިންނަކީ އޭނާއާއިއެކު ގެއަށްގޮސް އުޅޭ ކުދިންތަކަށްވުމުން އާއިލާއިން ދެކެނީ އެވެސް ގާތްތިމާގެ ކުދިންގެ ގޮތުގައެވެ. އެފަރާތްތަކާއި ހުރިހާ ދިވެހިންގެ ވެސް ދުޢާއަކީ، ހެޔޮ ޙާލުގައި ތިއްބައި އަވަހަށް އަލީ އާއި މަޔާމީން ފެނުމެވެ.

"ސަލާމަތްވުމުން ޝުކުރު ކުރަން. އެކަމަކު އެކުވެރިން ނުފެންނާތީ އުފަލެއް ނުވޭ. ވަރަށް ދެރަވޭ. އެ ޚަބަރު ލިބުމުން ވީގޮތެއްވެސް ނޭނގޭ. އަދިވެސް އުންމީދަކީ އެކުވެރިން ހެޔޮ ޙާލުގައި ތިއްބައި ފެނުން،" އަސަރާއިއެކު ރާއިފް ބުނެލިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަހު

    އަަަަމިިިިިިިިިން

  2. އާމިނަތު

    ރޮވިއްޖެ، އިންޝާﷲ އެދެކުދިން ހެޔޮޙާލުގައި ފެނުމަކީ ﷲގެ ތަޤުދީރު

  3. Anonymous

    އާމީން.އިންޝާﷲ އިރާދުކުރެއްވިއްޔާ ހެޔޮހާލުގާ ފެންނާނެ........!

    • އަޅުގަނޑު

      އާމީން ޔާﷲ

  4. އިފާ&ރިފާ

    އާމީން....އިންޝާﷲ އިރާދުކުރެއްވިއްޔާ ހެޔޮހާލުގާ ފެންނާނެ

  5. ޒިޔާނާ

    ޙަސަން ދީދީގެ ވިސްނުންތެރިކަމާއި ކުރި މަސައްކަތަށް ޝުކުރުވެރިވަން. އެދެކުދަިން ހެޔޮ ހާލުން ފެނުމަށް އެދެން.

  6. ޫިިޮޮަްހެޔޮަަބަސް

    އާމީން....އިންޝާﷲ އިރާދުކުރެއްވިއްޔާ ހެޔޮހާލުގާ ފެންނާނެ...

  7. Anonymous

    ﷲ އިރާދަކުރެއްވިއްޔާ ފެނިދާނެ