ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރާއި މީރާ ރާޖް ޕުޓަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް ބުނެ ދާދިފަހުން ޝާހިދާއި މީރާވަނީ، އެ ދެމީހުންގެ އަލަތު ދަރިފުޅު މިޝާގެ ލޯބިލޯބި ފޮޓޯއަކާއިއެކު އެ ޚަބަރު އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.

އިނގިރޭސިން "ބިގް ސިސްޓާ" ލިޔެފައިވާ ޕޯސްޓަރެއް ކައިރީ ކުޑަކުޑަ މިޝާ ބާއްވާފައި އޮތް އެ ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ފަހުގެ ޚަބަރުތައް ބުނާގޮތުގައި، މި އުފާވެރި ޚަބަރު ފޭނުންނާއި ހިއްސާކުރުމަށް ނިންމި ނިންމުމަކީ ކުއްލި ނިންމުމެއް ކަމަށް ޝާހިދު ބުނެއެވެ.

"މި އުފާވެރި ޚަބަރު އެންމެންނާއި ހިއްސާ ކުރެވުނީމަ ވަރަށް އުފާވޭ. މީރާ ބޭނުންވީ މިކަން އިންސްޓަގްރާމްގަ އާންމުކުރަން. އެހެންވެ "ބިގް ސިސްޓާ" މި ފޮޓޯ އެ ޕޯސްޓަށް ވަރަށް ގުޅޭނެއޭ ހިތަށް އަރާފަ އެ ފޮޓޯ ލީވެސް" ޝާހިދު މީޑިއާއާއި ހިއްސާ ކުރަމުން ބުނެފައިވެއެވެ.

Image result for shahid and mira

"މީ ވަރަށް ކުއްލި ނިންމުމެއް މި ޚަބަރު އާންމުކުރުން. މި އުފާވެރިކަން އެންމެންނާ ހިއްސާ ކޮށްލާ ހިތްވީ ހަމަ" ޝާހިދު އިތުރަށް ބުނެފައިވެއެވެ.

ޝާހިދަށް "ބައްޕަ"ކިޔާނޭ ދެވަނަ ކުއްޖަކު ލިބުމުގެ އިތުރުން، މުޅި މި ހަފްތާއަކީވެސް އުފާވެރި ހަފްތާއެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ބޮލީވުޑް ފިލްމު "ޕަދުމާވާތު" އިން އޭނާއަށް އެވާރޑްއެއް ލިބުމުންނާއި އޭނާގެ ކޮއްކޮ އިޝާން ކައްޓަރު "ބިޔޯންޑް ދަ ކްލައުޑްސް" އިން ފުރަތަމަ ފަހަރަށް ބޮލީވުޑްއިން ފެނިގެން ދިއުމުން ކަމަށް އޭނާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި 2017 ވަނަ އަހަރުވެސް ދެވަނަ ދަރިއަކު ބޭނުންވާ ކަމުގައި މީރާ ބުނެފައިވާއިރު، މަސައްކަތްތަކަށްވުރެ ވެސް ބޮޑަށް އާއިލާއަށް އިސްކަން ދޭ ކަމުގައި އޭނާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޝާހިދު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، މި އަހަރުގެ އެންމެ ކާމިޔާބުއެއް ބޮލީވުޑް ފިލްމު "ޕަދުމާވާތު" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު