ހެރީ ޕޮޓާގެ ރޯލުން މަގްބޫލްކަން ހޯދި ޑެނިއެލް ރެޑްކްލިފް އަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރުތަކެއްކަން ހާމަވެއްޖެއެވެ.

މިދިޔަ ހަފްތަގެ ތެރޭގައި ބީބީސީގެ ނަމުގައި ދައުރު ކުރި ފޭކް ޚަބަރެއްގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފައެވެ.

މި ރިޕޯޓްތަކުގެ މައްސަލަ ބޮޑުވެގެން އެންމެ ފަހުން ޑެނިއެލް ރެޑް ކްލިފް މިވަނީ މި ރިޕޯޓްތަކަށް ރައްދު ދީފައެވެ.

އެނާ ވަނީ އޭނާ އަށް ކޮވިޑް 19 ޖެހިފައި ނުވާކަން ކަށަވަރުކޮށްދީ އެފަދަ ދޮގު ޚަބަރުތައް ނުފަތުރަން އިލްތިމާސްކޮށްފައެވެ.

"ބައެއް ރިޕޯޓްތަކުން އަހަންނަށް ފެނުނު މީގެ ދެ އަހަރު ކުރީގެ ފޮޓޯ ލާފައި އަހަރެންގެ ޖަހަނީ ބަލި ވައްތަރޭ ބުނެފައި ހުރިތަން. އަހަރެންގެ ހަންގަނޑަކީ ހުދު ހަންގަނޑެއް އެހެންވީމަ ކަންނޭނގެ އަބަދުވެސް ވަރަށް ބަލި ހެންހީވާނީ. މޫނު ހުންނާނީ ރަތްވެފައި. އެއީ އަހަރެން ބަލިވެގެން ވާ ގޮތެއް ނޫން. އެއީ އަަބަދުވެސް ހުންނަ ގޮތް. އަދި އެ ރިޕޯޓް ޖެހި އިރު އޯކޭ ދޯ މަގޭ ޓީމް ކައިރީގައި އަހާލަންވެސް" ޑެނިއެލް ބުންޏެވެ.

މަޤްބޫލް ބައެއް ފަރާތްތަކަށް ކޮވިޑް 19 ޖެހުނު ކަމަށް ބުނެ މި ދުވަސްކޮޅު ފޭކް ޚަބަރުތައް ވަރަށް ގިނައިން ފެތުރެއެވެ.

މިފަދަ ދޮގު ޚަބަރުތައް ފެތުރުނު ނަމަވެސް މަޤްބޫލް ބައެއް ފަރާތްތަކަށް ވެސް މި ބަލި ވަނީ ޖެހިފައެވެ.

އޭގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޑްރޫޑާގެ އަނބިކަނބަލުން ސޮފީ އާއި އާސިނަލްގެ ހެޑް ކޯޗްގެ އިތުރުން ހޮލީވުޑްގެ މަޤްބޫލްްތަރިން ކަމަށްވާ ޓޮމް ހޭންކް އާއި އޭނާގެ އަނބިމީހާ ރީޓާ ހިމެނެއެވެ.