(އައްޑޫސިޓީ، ހިތަދޫ) މިދިޔަ ހޮނިހިރު ދުވަހަކީ މުޅި ރާއްޖެއަށް ސިހުން ގެނުވި ކުއްލި ޚަބަރަކާއި އެކު އެތައް ބައެއްގެ ހިތްތައް ހިތާމައިން ފުރިގެންދިޔަ ދުވަހެކެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫސިޓީ ހިތަދޫގައި ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގައި، އެދުވަހުން ފެށިގެން ދެ ކުއްޖަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ކުޅެ ނިންމާފައި މޫދަށް އެރިލުމަށް އެދުވަހުގެ މެންދުރުގެ ވަގުތުގައި، ހިތަދޫ ފުއްޓަރު ފަރާތަށް ދިޔަ ހިތަދޫ ބްލޫގޭ، އަލީ ރާއިފް އާއި ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީގެ ތެރެއިން ދެކުއްޖަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަނޑުވެ ގެއްލިފައިވާއިރު، އޭގެތެރެއިން ސަލާމަތްވީ ރާއިފްއެވެ. ރާއިފް ސަލާމަތްކުރެވުނީ، އެ ހާދިސާ ހިނގި ސަރަޙައްދުގައި އެވަގުތު އިއްތިފާޤުން ހުރެވުނު ބޭރުމަތި އަވަށު ބުލޫ ރޯޒް، ހަސަން ދީދީގެ ހިއްވަރާއި މަސައްކަތުންނެވެ.

އެ ބިރުވެރި ހާދިސާ "ވަގުތު" އާއި ޙިއްސާކުރަމުން އުމުރުން 16 އަހަރުގެ ރާއިފް ބުނީ، އެފަދަ ދުވަހެއް އަދި ދުވަހަކުވެސް ދެކެފައިނުވާ ކަމަށެވެ. އެދުވަހުގެ ޙާދިސާ އަދިވެސް ޤަބޫކުރަން ދަތިވެފައިވާ ޙާލުގައި، ހޮސްޕިޓަލުގެ އެނދުމަތީގައި އޮތް ރާއިފްއަށް ހަމަ ނިދި ނުލިބެއެވެ. އެކުގައި އެދުވަހު ގޮސް ގެއްލުނު އެކުވެރީން އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައި ރާއިފް އޮންނަތާ ދެދުވަސް ވެގެންދިޔައިރުވެސް، ޚަބަރެއް ނުވާތީ އޭނާ ވަނީ، މާޔޫސްކަމުގެ ތެރެއިން އުންމީދު ކޮޅުންލާވަރުވެ ވަރުބަލިވެފައެވެ.

ރާއިފް ބުނިގޮތުގައި، އެހެން ކުދިންތަކަކާއި އެކު ހެނދުނު ފުޓުބޯޅަ ކުޅެން ދިއުމަށްފަހު މޫދަށް އެރިލަން ދާން ނިންމީ އެ ތިން އެކުވެރީން އެކަނި ކަމަށެވެ. އަދި މޫދަށް ފޭބިއިރުވެސް މޫސުން ގޯސްވެ ކަނޑުގަދަވުމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތްއިރު، މޫދު އޮތީ "ވަރަށް ރީތިކޮށް"ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ހުރިހައި ކަމެއް ބަދަލުވެ، ހަނދާނުން ފިލައި ނުދާވަރުގެ ލައްގަނޑެއް ހިތުގައި ޖެހުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައިކަން ރާއިފްއާއި މަންޒަރުދުށް ފަރާތްތަކުގެ ވާހަކައިން އެނގެއެވެ.

އެކުވެރީންނާއި އެކު ހޭދަކުރި އެންމެ ފަހު ވަގުތުކޮޅު ހަނދާނަށް ގެންނަމުން ރާއިފް ކިޔައިދިންގޮތުގައި، ކުއްލިއަކަށް ރާޅު ބޮޑުވާން ފެށުމާއި އެކު ވަގުތުން ތިން ރަހުމަތްތެރީންވެސް އެއްގަމަށް އެރުމަށް މިސްރާބު ޖެހިއެވެ. ހިތަދޫ ފުއްޓަރު ފަރާތަކީ ދިގު ފަރެއް އޮންނަ ސަރަޙައްދެއްކަމުން، ފަރުމަތިން ހިނގާފައި ވަރަށް ބޭރަށް ދެވެން އޮވެއެވެ. ރާޅު ބޮޑުވާން ފެށިވަގުތު ރާއިފް އާއި އޭނާގެ އެކުވެރިން ތިބީ ފަރުގެ ކޮޅުން، މާ ކަނޑު ފެށޭ ހިސާބުގައެވެ. މިއީ ރާޅު ބޮޑުވާ ވަގުތުގައި ޢާންމުކޮށްވެސް ފަރުމައްޗަށް ބިޔަރާޅު ބިންދާ ސަރަޙައްދެކެވެ.

"ކުއްލިއަކަށް ކަނޑު ގަދަވެ ވަރަށް ބިޔަ ރާޅެއް ނެގީ. ފުރަތަމަ ރާޅާއެކުވެސް ތިން މީހުން ބެހިގެންދާން ފެށި. ފަހުން ނެގި ރާޅުތަކުގައި އެކި މީހުން އެކި ދިމަދިމާއަށް ގޮސް ގެއްލުނީ،" ރާއިފް ކިޔައިދިނެވެ.

ރާއިފް ބުނިގޮތުގައި، ފުރަތަމަ ރާޅާއިއެކު އެއްގަމަށް ދާން މިސްރާބު ޖެހި ވަގުތުވެސް، އޮއިބާރުވުމުން ކުރިއަށްދާން އުނދަގޫވި ކަމަށެވެ. ނަމަވެސް އޭރު ސަލާމަތްވާން މަސައްކަތްކުރަމުންދިޔަ އަލީ ދިޔައީ ހިއްވަރު ދެމުން ކަމަށް ރާއިފް ބުންޏެވެ. އަލީގެ އެންމެ ފަހު ބަސްތަކަކީ އެއީ ކަމަށާއި، އެއްގަމާއި ހަމައަށް ދެވޭނެ ކަމަށް އޭނާ އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ތަކުރާރުކޮށް ބުނެ ހިއްވަރުދެމުންދިޔަ ކަމަށް ރާއިފް ބުންޏެވެ.

"ފުރަތަމަ ރާޅު ނެގުމުންވެސް އަވަހަށް ދާން ހިނގާށޭ ކިޔާފައި އަޅުގަނޑުމެން ތިން މީހުންވެސް އެއްގަމަށް މިސްބާރު ޖެހިން. އެކަމަކު އޮއިބާރުވެ ކުއްލިއަކަށް ކަނޑު ގަދަވެފައިވުމުން ކުރިއަށް ދެވޭގޮތެއްނުވެ ހައްތަހާާ ދިޔައީ ބޭރުވަމުން. އެވަގުތު މަޔާމީން އާއި އަލީ އަޅުގަނޑުގެ ފަހަތުގައި ތިބި. އަލީ ބުނި ކުރިއަށްދާށޭ ދެވޭނެއޭ! ދެވޭނެއޭ!،" ރާއިފް ކިޔައިދިނެވެ.

ރާއިފް ބުނިގޮތުގައި އަލީ އެވަގުތު އޮތީ ވަރަށް ދުރުގައި ކަމަށާއި، އަލީގެ އެ ބަސްތަކާއި އެކު އެންމެނަށްވެސް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމަށެވެ. ނަމަވެސް އާދަޔާއި ޚިލާފަށް ކަނޑު ގަދަވުމުން ރާޅުތަކުގެ ތެރެއިން ކުރިއަށް ނުދެވި ގަލުގައި ތެޅެމުން އެތައް އަނިޔާއެއް ލިބި، ވަރުބަލިވެ ގޮތްހުސްވެފައި ވަނިކޮށް މި މަންޒަރު ފެނިގެން ދުވެފައި މޫދަށް ފައިބައިގެންދިޔަ ހަސަން ދީދީގެ އަތުގައި ހިފުނުކަމަށް އޭނާ ބުންޏެވެ.

ރާއިފް އާއި އެކު، ސަލާމަތް ނުވެފިފައި ތިބި އެހެން ކުދިންނަށްވެސް އެހީތެރިވުމަށް ހަސަން ދީދީ މަސައްކަތް ކޮށްފައިވާއިރު، އެކަން ކާމިޔާބު ނުވުމާއިއެކު، ރާއިފްގެ ޙާލު ގޯސްވަމުންދާތީ ހަސަން ދީދީ ވަނީ ގިނަ އިރުނުކޮށް އޭނާ އެއްގަމަށް ގެންގޮސްދީފައެވެ. ރާއިފް އެއްގަމަށް ގެންދިޔައިރު ފަރުމަތީގައި ތެޅި އޭނާގެ މޭމަތިން އެތައް ތަނެއް މަށައިގެންގޮސްފައި ހުރިއިރު، އެވަގުތު އޭނާ ހޭވެސް ނެތްކަމަށް ވެއެވެ. ރާއިފް އަށް އެހީތެރިވުމަށް "އަތުގައި ހިފުނީ ކިރިޔާ،" ކަމަށާއި އެހެން ކުދިންނަށް އެހީތެރިވާން ވެސް މަސައްކަތް ކުރިއިރު، ފަހުން އެނބުރި ބަލައިލިއިރު އެކުދިންގެ ހިލަމެއްވާން ނެތްކަމަށް ހަސަން ދީދީ ބުނެއެވެ.

މި ބިރުވެރި ހާދިސާއަށް ދެދުވަސް ވެގެންދާއިރު، މަޔާމީން އާއި އަލީ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބޭނުންކުރެވެން ހުރި ހުރިހައި ވަސީލަތެއް ބޭނުންކޮށްގެން، ހުއްޓުމެއް ނެތި ސިފައިން މި މަސައްކަތުގައި ޙަރަކާތްތެރިވަމުންދާއިރު، ސަރުކާރުގެ މުވައްސަސާތަކާއި އައްޑޫގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ދަނީ އެކަމުގައި ބައިވެރިވަމުންނެވެ.

ދެކުދިން ގެއްލުނުތާ ގިނަ އިރުތަކެއް ވެގެންދިޔަނަމަވެސް، އެފަރާތްތަކުން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. މި މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި ހެޔޮއެދޭ ހުރިހައި ފަރާތަކުންވެސް ތިބީ މަޔާމީނާއި އަލީ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެފަރާތްތަކުގެ ދުޢާއަކީ "ވަރަށް އަވަހަށް" އެ ދެކުދިން ފެނުމެވެ.

ހޮނިހިރު ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގައި، މޭމަތިން ބައެއް ތަންތަން މަށައިގެން ގޮސްފައި ހުރުން ފިޔަވައި ރާއިފްއަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް، އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ފަހުން އޭނާ ވޯޑަށް ބަދަލުކޮށްގެން ފަރުވާދެމުންދާއިރު، މިއަދު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބިރުވެރި ރާޅުތަކުގެ ތެރެއިން ސަލާމަތްވާނެ ގޮތެއް މެދުވެރިވުމުން އެކަމަށް ޝުކުރުވެރިވާ ޙާލުުގައި ރާއިފް ބުނެފައިވަނީ، ލޯބިވާ އެކުވެރިން ފެނުމުން މެނުވީ ހިތަށް ފިނިކަމެއް ނުލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ާަަެެއަސޮ

    ?????????

  2. އ

    އިންޝާﷲ ފެންނާނެ ހެޔޮހާލުގަ

    • $@@@#

      އިންސާ ﷲ ފެނާނެ. ދެކުދިންވެސް ފެނާނި ގަދަވެ ސަލާމަތުން ދިރިތިއްބާ. އިންޝާ ﷲ

  3. މަ

    އިރާދަކުރެއްވިއްޔާ ފެންނާނެ ދެކުދިން.

  4. ާިަާ

    ޙަަދަހަަަ ދެރަޔެ

  5. ޖިޔާ

    އިރާދަކުރެވިއްޔާ ހެޔޮ ހާލުގައި އަދި ފެންނާނެ.?

  6. ?

    އިންސާ ﷲ ފެނާނެ. ދެކުދިންވެސް ފެނާނި ގަދަވެ ސަލާމަތުން ދިރިތިއްބާ. އިންޝާ ﷲ

  7. އާމިނަތު

    ވަރަށް ދެރަވެއްޖެ ރޮވިއްޖެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގެން ހިގައްޖެ މާތްﷲ އެދެކުންނަށް ހޮޔޮހާލުގައި ތިއްބާ ފެންނާގެގޮތް މެދުވެރިކުރައްވާފާންދޭވެ.ﷲއީ ހުިހާކަމަށް ކުޅަދުންވަންތަ ކަލާންގެ

    • މ

      އާމީން ޔާﷲ

  8. ާއަލީ

    އުންމީދު ކަނޑާނުލާތި.

  9. ާއަލީ

    އަދި އޯކޭވާނެ

  10. ތަހޫ

    އިންޝާﷲ އަދި ފެންނާނެ....ދެކުދިން ވެސް ހެޔޮ ޙާލުގައި......

  11. ާހަސަނު

    ވަރަށް ދެރަވެއްޖެ މާތްﷲ އެދެކުންނަށް ހޮޔޮހާލުގައި ތިއްބާ ފެންނާގެގޮތް މެދުވެރިކުރައްވާފާންދޭވެ.

  12. ޕޮޕޮ

    ????????