ކޮވިޑް-19 ވައިރަހުގެ ސަބަބުން ޗައިނާގައި ވަރީގެ ނިސްބަތް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ ބައެއް މީޑިއާތަކުން މިކަމާ ގުޅިގެން ބުނެފައިވަނީ އެޤައުމުގެ ވަރަށް ގިނަ ސިޓީތަކެއްގައި ވަރިކުރުމަށް/ ވަރި ވާން އެދިގެން ހުށަހަޅާ މިންވަރު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ.

މިގޮތުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޗައިނާގެ 'ޒީ-އަން' އާއި 'ޑަ-ޒޫ' ފަދަ ބައެއް ސިޓީ ތަކުގައި ނިމިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ވަރީގެ ނިސްބަތް ވަނީ ބޮޑު ތަނުން އިތުރުވެގެން ގޮސްފައެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޑަ-ޒޫގެ މެޖިސްޓްރޭޓް ކޯޓަށް އެކަނިވެސް ކައިވެނިކޮށްގެން އުޅޭ 300 އެއްހާ ބައިވެރިން ވަނީ ވަރިވުމަށް އެދި އެޕޮއިންޓްމެންޓް ހޯދަން ހުށަހަޅާފައި ކަމަށް އެ ކޯޓުގެ ކައިވެންޏާއި ބެހޭ ރަޖިސްޓްރާއެއްގެ މެނޭޖަރެއް ކަމަށްވާ، ލޫ ޝީޖުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

ރިކޯޑް މިންވަރަކަށް ޗައިނާގައި ދެމަފިރިން ވަރިއަށް އެދެމުންދާ މައިގަނޑު ސަބަބަކީ، ކޮވިޑް-19 ވައިރަހުގެ ސަބަބުން ގޭގައި އެކަހެރިވާން މަޖުބޫރުވުމުން، ގޭތެރޭގައި ބައިވެރިއާ އާއި އެއްކޮށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހި، ބައިވެރިއާއި ދެމެދު ޖެހޭ މައްސަލަތަކުގެ ސަބަބުން ކަމަށް އެގައުމުގެ ބައެއް ކޯޓުތަކުގެ ރެޖިސްޓްރާ އޮފީހުން ހާމަކޮށްފައިވެއެވެ.

ސިއްޙީ ބަލިމަޑުކަމެެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ވުހާންގެ މަސްމާރުކޭޓަކުންނެވެ. އެތަނަކީ ދިރިހުރި ވަލު ޖަނަވާރުންގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ތަނެއް ކަން މިހާރު ވަނީ އެނގިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަނީ ކޮރޯނާގެ މުޅިން އާ ވައްތަރެއްގެ ވައިރަހެކެވެ. ކޮވިޑް-19 ގެ ނަން ދީފައިވާ މި ވައިރަސްގެ ހިތްދަތިކަމާއި ގެއްލުން އެންމެ ފުރަތަމަ، އެންމެ ކައިރިން ތަހައްމަލު ކުރަން ޖެހުނީ ޗައިނާގެ ރައްޔިތުންނަށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ޗައިނާ ރައްޔިތުންނަކީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގައި ވެސް އެންމެ ބޮޑު ހިއްސާއެއްވާ އެއް ޤައުމެވެ. އެ ޤައުމުގެ ރައްޔިތުންނަކީ އާއްމުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ޝައުޤުވެރިކަން ހުންނަ، އަދި ގިނަގިނައިން ދަތުރުތައް ކުރާ ފަރާތްތަކެއްވެސްމެއެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤައުމުގެ ސުލްޙަވެރިކަމަކީ ޗައިނާގެ ގިނަ ރައްޔިތުން، އެމީހުން ހަނީމޫން މަންޒިލެއް ކަނޑައަޅާއިރު ރާއްޖެއާއި މެދު އެމީހުންގެ ހިތް ލަންބުވާލާ އެއް ސަބަބެވެ.

ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން އުފެދިފައިވާ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ އަންނަން ހަދާފައިވާ ގިނަ އަދަދެއްގެ ބުކިންގްތައްވެސް ފަތުރުވެރިން ދަނީ ކެންސަލް ކުރަމުންނެވެ. ބައިވެރިއާ އާއި ކައިވެނިކޮށްގެން ހަނީމޫން ހޭދަކޮށްލަން ރާއްޖެ އަންނަން އެތައް ޕްލޭނެއް ހަދައިގެން ތައްޔާރީތަކެއްވި ޗައިނާ ރައްޔިތުންނަށްވެސް އެމީހުންގެ ހުވަފެންތައް މަޑުޖައްސާލަން ވަނީ މަޖުބޫރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޣަނީ

  ރާއްޖޭގަ ކިހާވަރެއް ވާނެބާ

  31
  6
 2. ދަރަނި ދަންތުރަ

  ﷲ އަށް ބިރުވެތިވެ އިންސާނުންނަކީ އާރެއް ބާރެއްނެތް ބައެއްކަން ގަބޫލުކޮށް އަޅަމެން ހެއްދެވި އިލާހުގެ ހެޔޮރަހުމަތުން މިނުރައްކާ ބަލިން އަޅަމެން ސަލާމަތްކުރައްވާތޯ ދުއާކުރަންވީ ، ދުނިޔެ ވެސް ދިވެހިރާއްޖެ ވެސް ހުއްޓިދާނެ ދިވެއްސަކު މާބޮޑާވެ ގަދަބަސް ބުނިކަމުގައި ވިޔަސް އިންސާނާގެ އާރެއް ބާރެއް ނެއްތާދޯ ކޮބައިތަ ފިރުއައުނު....

  17
  2
 3. އަލްޖިބްރާ

  ﷲގެ އެންގެވުންތަކަށް ފުރަގަސްދޭ ކޮންމެ ބަޔަކަށްވެސް ޖެހޭނީ ތިކަހަލަ ކަންތަށް !

  10
  4