އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލް ރާނާ ދަހުބާޓީގެ "ހާތީ މޭރޭ ސާތީ" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ދުވަސް ފަސްކޮށްފިއެވެ.

މި ފިލްމު ނެރުމަށް ތާވަލު ކުރެވިފައިވާ ދުވަސް ފަސްކުރީ މިހާރު ހަލުވި ކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް މި ފިލްމު ނެރުމަށް ހަމަޖެހިފައިވާ ދުވަސް ފަސްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ފިލްމު ނެރޭނެ ތާރީހެއް އިއުލާން ކުރާނެ ކަމަށެވެ.

ޕްރަބޫ ސޮލޮމާން ޑައިރެކްޓްކޮށް އޭޕްރިލް ދެ ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ހާތީ މެރޭ ސާތީ" ގެ ލީޑު ރޯލުން ރާނާ ދައްގޫބާޓީގެ އިތުރުން ޕުލްކިތް ސަމްރާތު އާއި ސްރެޔާ ޕިލްގޯންކަރް އަދި ޒޯޔާ ހުސެއިން ފެނިގެންދާނެއެވެ. މި ފިލްމު ވަނީ ތަމިލް، ތެލޫގޫ އަދި ހިންދީ އިން ކުޅެފައެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ފިލްމުން "ކަޒިރަންގާ"ގައި އުޅޭ އެތްތަކުގެ ވާހަކަ ކިޔައި ދޭނެއެވެ.

މި ފިލްމުގެ އިތުރުން ބައެއް ފިލްމުތައް ސިނަމާތަކަށް ނެރުމަށް ތާވަލު ކުރެވިފައިވާ ތާރީހު ވެސް ވަނީ ކެންސަލްކޮށްފައެވެ. އެގޮތުން އަކްޝޭ ކުމާރު، ރަންވީރު ސިންގް، އަޖޭ ދޭވްގަން އަދި ކެޓްރީނާ ލީޑު ރޯލުން ފެނިގެންދާނެ "ސޫރްޔިވަންޝީ" އާއި ރަންވީރު އަދި ދިޕިކާ ޕަޑުކޯން ލީޑު ރޯލުން ފެނިގެންދާނެ "83" ހިމެނެއެވެ.

ސޫރްޔަވަންޝީ ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހު 24 ވަނަ ދުވަހުއެވެ. އަދި "83" ނެރުމަށް ތާވަލު ކުރެވިފައިވާ އޭޕްރިލް 10 ވަނަ ދުވަހުއެވެ. ނަމަވެސް ވަކި ތާރީހެއް ނެތް ގޮތަށް މި ފިލްމުތައް ނެރުން މިވަގުތަށް ވަނީ މަޑު ޖައްސާލައިފައެވެ. އޭގެ އިތުރުން، ޝާހިދު ކަޕޫރުގެ "ޖާޒީ"، ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާނެ "ރާދޭ ޔުއާ މޯސްޓް ވޯންޓެޑް ބާއީ" އާއި އަކްޝޭ ކުމާރު އާއި މަނޫޝީ ޗިލަގެ "ޕްރިތްވިރާޖް" ގެ އިތުރުން ކަރަން ޖޯހަރުގެ "ތަޙްތު" ގެ ޝޫޓިންތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު