ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ އެމީހުންގެ ހަށިގަނޑަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ބައެކެވެ. ވަކިން ހާއްސަކޮށް އޭރެއްގައި ކުޅެން ހަމަޖެހިފައި އޮންނަ ފިލްމެއްގެ ރޯލަކާއި ގުޅޭގޮތުން ބަރުދަން އިތުރުކޮށް އަދި ބަރުދަން ލުއިކުރުމަށްވެސް އެމީހުން މަސައްކަތް ކުރެއެވެ. މިކަމުގެ ހެއްކަކަށް މިހާރު މުޅި މީސްމީޑިއާގައި ދައުރުވަމުންދާ، ކުޅަދާނަ އެކްޓަރު ރަންވީރު ސިންގްގެ "ޖިމް ވީޑިއޯ" ފުދެއެވެ.

މިއަހަރުގެ ކާމިޔާބު ބޮލީވުޑް ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ބޮލީވުޑް ފިލްމު "ޕަދުމާވާތު" ގައި ހަށިގަނޑު ބިޔަކޮށް ޖާނުން ވަރުގަދަކޮށް ރަންވީރް ފެނިގެން ގޮސްފައިވީނަމަވެސް، އޭނާގެ ކުރިއަށް އޮތް ފިލްމު "ސިންބާ" އަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން ލުއިކުރުމުގެ މަސައްކަތް އޭނާ ފަށައިފައވާ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

"ޖިމް" ސެޝަންތަކުގެ ކުރިން ކޮށްފައިވާ މި ވީޑިއޯކޮޅު ރަންވީރްވަނީ އޭނާ އަމިއްލައަށް މީސްމީޑިއާގައި އާންމުކޮށްފައެވެ.

ވީޑިއޯގައި ރަންވީރްގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެނިގެންދާއިރު، ފެންނަ ފެނުމަށް މުޅި މީހާ ވަރަށް ތާޒާކަމަށް ވެސް ދައްކައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ދެން އެންމެ އަވަހަށް ރަންވީރް ކުޅުމަށް ހަމަޖެހިފައިވަނީ ބޮލީވުޑް ފިލްމު "ސިންބާ" އެވެ. މި ފިލްމުގައި އޭނާއާއިއެކު ލީޑް ރޯލުން ފެނިގެން ދާނީ ސާރާ އަލީ ޚާން އެވެ. އެއަށްފަހު ކްރިކެޓް ވޯލްޑްކަޕްގައި ހީނުރާފަދަ ގޮތަކަށް އިންޑިއާއަށް ކާމިޔާބު ލިބޭ ވާހަކައެއްގެ މައްޗަށް ކަބީރް ޚާން ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.