ކަތިނަޒަރަކުން ފިރިހެން ކުއްޖަކާ ދިމާއަށް ބަލާލި ވީޑިއޯއެއްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ މަލަޔާލަމްއަށް އުފަން ޕްރިޔާ ޕްރަކާޝް ވާރިއާ، އޭނާއާއިއެކު "އޮރޫ އަދާރް ލަވް" އިން ފެނިގެންދިޔަ ފިރިހެން އެކްޓަރު ރޯޝަން އަބްދުލް ރަހޫފަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ.

އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ޕްރިޔާކުރި ޓްވީޓްގައި އޭނާ ބުނެފައިވަނީ، ރޯޝަންއަށް އުފާވެރި އުފަން ދުވަހަކަށް އެދޭ ކަމަށާއި އޭނާ އިތުރަށް އެއްޗެއް ނުބުންޏަސް ރޯޝަންއަށް ހުރިހާ ވާހަކައެއްވެސް އެނގޭނެ ކަމަށެވެ.

ޕްރިޔާއާއި ރޯޝަން އެއްކޮށް ނަށަމުންދާ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއްވެސް ދާދިފަހުން މީސްމީޑިއާގައި އާންމުވެފައިވެއެވެ.

އުމުރުން އެންމެ 18 އަހަރުގެ ޕްރިޔާ އެންމެ ފުރަތަމަ ފެނިގެންދިޔައީ ރޯޝަންއާއިއެކު ވީޑިއޯ ލަވައެއްގެ ތެރޭނެވެ. މާކަ ބޮޑު ދައުރެއް އެ ފިލްމުގައި ޕްރިޔާ އަދާކޮށްފައި ނުވި ނަމަވެސް ކަތިނަޒަރަކުން ރޯޝަންއާއި ދިމާއަށް ބަލާލާ މަންޒަރު ފެނި ގިނަ ބައެއްގެ ސަމާލުކަން ޕްރިޔާއަށް ލިބިގެން ދިޔައީ ދާދި އަވަހަށެވެ.

 

ކުރީގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ވީޑިއޯ އާންމުވިތާ މާ ގިނައިރު ނުވަނީސް ގިނަބަޔަކު އެ ވީޑިއޯ ބަލާފައިވާއިރު، ފިލްމު އުފައްދާ ފަރާތްތަކުގެ ވެސް އެކިއެކި ހުށަހެޅުންތައް ޕްރިޔާއަށް ދިޔައީ ލިބެމުންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ސިންބާ" ގެ ރޯލަކުން ކުޅަދާނަ އެކްޓަރު ރަންވީރު ސިންގްއާއިއެކު ޕްރިޔާ ފެނިގެންދާނެ ކަމަށް ކުރިން ޚަބަރުތައް ބުނި ނަމަވެސް، ފަހުގެ ރިޕޯޓްތައް ބުނަނީ އެ ފިލްމުން ޕްރިޔާގެ ބަދަލުގައި ރަންވީރާއިއެކު ފެނިގެންދާނީ ސާރާ އަލީ ޚާން ކަމުގައެވެ.

ޕްރިޔާ ވަނީ ދާދިފަހުންވެސް ޓީވީ އިސްތިހާރެއް ކުޅެފައެވެ. މި އިޝްތިހާރު އިންޑިޔާގެ 12 ބަހަކުން ގެނެސްދީފައިވާއިރު، ޔޫޓިއުބުގައިވާ މިއިޝްތިހާރުގެ ހިންދީ ވާރޝަން މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެއް ލައްކައަށްވުރެ ގިނަ މީހުންވަނީ ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު