ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނެޓް ފުލިކްސް ސިރީސް މަނީ ހައިސްޓްގެ ފޮލިސް އިންސްޕެކްޓަރގެ ރޯލުން ފެނިގެން ދިޔަ އިތްޒޭރް އިތޫނޯ (ރަކޭލް މުރީލޯ) ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެއްޖެއެވެ.

އެކަން އިއުލާނުކޮށްފައިވަނީ އޭނާ މީސްމީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނެފައިވަނީ ހުކުރު ދުވަހުން ފެށިގެން އޭނާއަށް އެބަލީގެ އަލާމަތްތަށް ފެނުމުން ޓެސްޓުކުރި އިރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމަށެވެ. އޭގެއިތުރުން، އޭނާ ބުނެފައިވަނީ މިފަދަ ކަންތައްތަކަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެތި ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އޭނާގެ ހާލު މިހާރު އަންނަނީ މަޑު މަޑުން ރަނގަޅުވަމުންނެވެ.

މި ބައްޔަށް ފައްސިވެފައިވާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ ކޮވިޑް-19 އަށް ވެކްސިންއެއް ލިބުނުހާ އަވަހަށް އެ ވެކްސިން ޖެހުމަށް ގޮވާލާފައެވެ. އޭނާ ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފައެވެ.

ޕްރޮފެސާގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމުގެ މައްޗައް ބިނާކޮށް ހަދާފައިވާ މި ސީރީޒްގެ 4ވަނަ ސީޒަން ނެރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުގައެވެ.

ނަމަވެސް ފަހުން މި ސީރީސް ނެރޭ ދުވަސް ވަނީ އޭޕްރިލް މަހުގެ 3 ވަަނަ ދުވަހު ނެރޭ ގޮތަށް ބަދަލުގެނެސްފައެވެ. މި މަހު 6 ވަނަ ދުވަހު މި ސީރީސްގެ 4 ވަނަ ބައިގެ ޓްރެއިލާ ވަނީ އާންމުންއަށް ދައްކާލާފައެވެ. ގިނަ ބަޔަކު ތިބީ 4 ވަނަ ބައި ނެރޭނެ ދުވަހަކަށް ކެތްމަދު ވެފައެވެ.