ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު، މި ވައިރަސް އެންމެ ގިނައިން ޖެހި އެންމެ ގިނައިން މީހުން މަރުވާ ގައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭއިރު، އެ ގައުމުން މީހުން ބޭރަށް ނުކުމޭ ތޯ ބަލަން ފުލުހުން ދަނީ ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު އެ ގައުމުގައި ވަނީ ސްޓޭޓް އޮފް އެމާޖެންސީ އިއުލާނުކޮށްފައެވެ. އަދި އެ ގައުމުގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ގޭގައި މަޑު ކުރަން ނަސޭހަތްތެރިވެފައެވެ.

ބިޒްނަސް އިންސައިޑާސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، މީގެ ކުރިން ޗައިނާގައި އެ ގައުމުގެ މީހުން ބޭރަށް ނުކުތުން ހުއްޓުވުމަށް ފުލުހުން ކުރި ގޮތަށް، މިހާރު ސްޕައިން ފުލިހުންވެސް ދަނީ ކުރަމުންނެވެ.

އެއީ އެ ބަލި އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށެވެ. އެގޮތުން ފުލުހުން ވަނީ މެޑްރިޑް ޕާކަށް ދިޔަ ބައެއް ކައިރީ ގެއަށް ދިއުމަށް އެދިފައެވެ. ފުލުހުން މިގޮތަށް އެދެމުން ދަނީ ޑްރޯން މެދުވެރިކޮށެވެ. ފުލުހުން ދަނީ ޑްރޯން މެދުވެރިކޮށް އެ ގައުމުގެ މީހުން އުޅޭ ނޫޅޭ ގޮތް ބަލަމުންނެވެ. އަދި ބޭރަށް ނުކުންނަ މީހުންނާއި ދިމާލަށް ދަނީ ހަޅޭލަވަމުންނެެވެ.

ސްޕައިން އިން ކޮވިޑް-19 ޖެހުނު މީހުންގެ 14,769 އަށް ވަނީ އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 638އަށް އަރާފައިވާއިރު، މި ބަލި ޖެހުނު 1،081 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.