ހޮލީވުޑްގެ މަޤްބޫލް ތަރި އިޑްރިސް އެލްބާ އަށް ކޮވިޑް 19 ޖެހިފައިވާ ކަން އޭނާ ހާމަކުރީ ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

އެއަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާ އޮތީ އައިސީޔޫގައި ކަމަށާ އިޑްރިސްގެ ހާލު ދެރަކަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރަން ފެށިއެވެ.

https://twitter.com/JERMAINE2881/status/1241062690484822021

މި ރިޕޯޓްތަކާއި ގުޅިގެން ފޭނަކު އޭނާ ޓެގްކޮށް ޓްވިޓާގައި ސުވާލުކުރުމުން، ހުކުރު ދުވަހު އިޑްރިސް ވަނީ އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވި ނަމަވެސް މިހާރު އޭނާގެ ކިބައިން އެ ބަލީގެ އެއްވެސް ނިޝާނެއް ނުފެންނަކަން ހާމަކޮށް ޓްވީޓެއްކޮށްފައެވެ.

އެހެންނަމަވެސް ފަހުން އިޑްރިސް ވަނީ އެ ޓްވީޓް ޑިލީޓްކޮށްފައެވެ. އޭނާ ވަނީ އޭނާ އެއްވެސް އިރަކު މި ބަލީގައި ބޮޑުވަރުވެގެން ނޫޅޭކަން ކަށަވަރުކޮށްދީފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން، އުމުރުން 47 އަހަރުގެ އިޑްރިސް އެލްބާ، އޭނާގެ މީސްމީޑިއާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާއި ހޯމަ ދުވަހު ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ އޭނާ ވަނީ އޭރު ބަލީގެ އަލާމާތްތައް ފެނުމާއެކު މީހުންނާ އެކަހެރިވެފައެވެ.

ޓްވިޓާގައި ބައެއް މީހުން ވަނީ އިޑްރިސް އަށް ހަގީގަތުގައި ވެސް ކޮވިޑް 19 ޖެހުނު ކަމާއި މެދު ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން އިޑްރިސް އެދުނީ ދޮގު ޚަަބަރު ނުފެތުރުމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެލްބާ ވެސް އޭނާގެ ސަޕޯޓަރުންނަށް ކުރާ އިލްތިމާސަކީ އެންމެންވެސް މި ދަނޑިވަޅުގައި ގޭގައި މަޑުކޮށްގެން ތިބުމަށް އޭނާ އެދޭ ކަމަށާއި، އޭނާގެ ހާލާ މެދު ކަންބޮޑުވެ، ދެރަ ނުވުމަށެވެ.

އިޑްރިސް އެލްބާ އަކީ ބޮކްސް އޮފީހާއި ހޮލީވުޑްގައި އެތަކެއް ތަޖުރިބާތަކެއް ކޮށްފައިވާ ކުޅަދާނަ ފިލްމީ ތަރިއެކެވެ. އެގޮތުން އިޑްރިސް ވަނީ 'އެމެރިކަން ގޭންގްސްޓަރ'، 'ޕެސިފިކް ރިމް'، 'ތޯރ'، 'އެވެންޖަރސް' ފަދަ އެތަކެއް ފިލްމަކުން ބެލުންތެރިންނަށް ފެނިގެން ގޮސްފައެވެ. މީގެ އިތުރުން އޭނާ އަކީ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. އަދި ޑީޖޭ އެއްގެ ގޮތުގައިވެސް އޭނާ ވަނީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ.

އިޑްރިސް ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އޭރު އޭނާ ހުރީ ރީތި ރަށުގައެވެ. އޭނާ އަށް ކޮވިޑް 19 ޖެހުނީ މާރިޗު މަހުގައެވެ.