ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ވެންޓިލޭޓަރުން އެއްފަހަރާ އެންމެ ބަލި މީހަކަށް ފަރުވާ ދެވޭތީ، ކެނެޑާގެ ޑޮކްޓަރަކު އޭނާ އަށް ލިބިފައިވާ އަމިއްލަ ހުނަރުތައް ބޭނުންކޮށްގެން ވެންޓިލޭޓަރަކުން އެއް ފަހަރާ ނުވަ މީހުންނަށް ފަރުވާ ދެވޭ ގޮތަށް ހަދައިފިއެވެ.

އަމިއްލަ ވިސްނުން ބޭނުންކޮށްގެން ވެންޓިލޭޓަރު ރޫޅާލައި އެއްފަހަރާ ހާލު ބޮޑު ގިނަ ބަލި މީހުންނަށް ފަރުވާ ދެވޭނެ ފަދަ ގޮތަކަށް ވެންޓިލޭޓަރު ބަދަލުކޮށް، ފަރުމާ ކުރީ ކެނެޑާގެ "ޕާތު އެންޑް ސްމިތްސް ފޯލްސް ޑިސްޓްރިކްޓް ހޮސްޕިޓަލް" ގައި ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ. އަލެއިން ގެއުތިއާއެވެ.

އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދެވޭ ގޮތަށް ޑރ. އަލެއިން، ވެންޓިލޭޓަރަށް ގެނައި ބަދަލުގެ ސަބަބުން؛ ސައިޒުން އެއްވަރެއްގެ އަދި ޖާގައިގެ ގޮތުން އެއްވަރުގެ ކިޑްނީ ހުންނަ ބަލިމީހުން، އެއްފަހަރާ ވެންޓިލޭޓަރާއި ގުޅާލުމުން އެންމެންނަށް އެއްފަހަރާ ސިއްޙީ ފަރުވާ ލިބޭނެއެވެ.


މިގޮތަށް އެއްފަހަރާ ގިނަ މީހުންނަށް ހިދުމަތް ދިނުމަށް ޑރ. އަލެއިން ބަދަލުކުރި ވެންޓިލޭޓަރު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި، އެ ވެންޓިލޭޓަރު ވަނީ ގިނަ ކޭބަލްތަކުން ގުޅާލައިފައެވެ. ގިނަ ކޭބަލްތަކެއް ވެންޓިލޭޓަރާއި ގުޅާލުމުން އާދައިގެ ދުވެއްޔަށްވުރެ އެތައް ބާރު މިނެއްގައި ވެންޓިލޭޓަރު މަސައްކަތް ކުރެއެވެ.

"ވަކި ހިސާބަކުން އަހަރެމެންނަށް މިނޫން އިތުރު އެހެން ގޮތެއް ނުފެނި ހިނގައިދާނެ. މި ގޮތުން އަހަރެމެންނަށް މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރެވިދާނެ. އެހެން ނޫނީ މީހުން މަރުވާން އަހަރެމެންނަށް ދޫކުރެވޭނީ." ވެންޓިލޭޓަރަށް ގެނައި އީޖާދީ ބަދަލާއި ބެހޭގޮތުން ޑރ. އަލެއިން ބުނަނީ މިހެންނެވެ.

ކެނެޑާގެ "ސީބީއެސް ނިއުސް" އިން ބުނާ ގޮތުގައި ޑރ. އަލެއިން އަށް މިފަދަ ކަމެއް ކުރުމުގެ ޝައުގުވެރިކަން އުފެދުނީ 2006 ވަނަ އަހަރުގެ ތެރޭގައި އެގައުމުގެ ޑިޓްރޮއިޓުގެ ދެ ެޑޮކްޓަރަކު ނެރުނު ޔޫޓިއުބް ވީޑިއޯތަކެއް ބެލުމަށް ފަހުގައެވެ.

ޑރ. އަލެއިން މި ހޯދީ އިންގިލާބީ ބަދަލެއް ކަމަށް ބުނެ ސިއްހީ ދާއިރާގެ ބައެއް ނަން މަޝްހުރު ފަރާތްތަކުން އަންނަނީ އޭނާ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައި މަރުހަބާ ކިޔަމުންނެވެ. ކޮވިޑް-19 ގެ ނުރައްކަލާ ހެދި ބައިނަލްއަގްވާމީ ގައުމުތަކުން ސިއްހީ ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ އިރު، ޑރ. އަލެއިން ވަނީ އިންސާނިއްޔަތަށް އުންމީދު ގެނެސްދީފައެވެ.