ފަހުގެ ތާރީޚެއްގައި ވެސް ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ދުނިޔެ މި ދަނީ ދެކެމުންނެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މި ދުނިޔެއާއި ވަކިވެގެން ދަނީ އެއްވެސް އުންމީދެއް ނެތި ކުރާ މި ހަނގުރާމައިން ބަލިވެ އެކަނިވެރި ހާލުގައެވެ. ދަރީންނާއި މައިންބަފައިންނަށް ފަހު ވަގުތު ކައިރީގައި ތިބެވޭނެ ފުރުސަތެއް ނުލިބި އެމީހުން އަބަދަށްޓަކައި ރޮއްވާލަމުންނެވެ. މިއީ ކޮވިޑް-19 ގެ ނުރައްކަލާއި އޭގެ ހިތްދަތިކަން ލޮލުން ދެކެ އަތުން ހިފާފައިވާ މީހުންގެ ވާހަކައެވެ.

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ޤައުމަކީ އިޓަލީ އެވެ. އެޤައުމުން މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވާ މީހުންގެ އަދަދު އާދަޔާއި ޚިލާފަށް އިތުރުވަމުން ދާއިރު، ބަލިން ސަލާމަތްވުމުގެ ނަސީބު ނުލިބި އެތައް ހާސް ބަޔަކު މި ދުނިޔެ ދޫކޮށް ގޮސްފިއެވެ. ފަރުވާއެއް ނެތް މި ބައްޔާއި ހަނގުރާމަކޮށް ފަހުވަގުތުކޮޅު ގުނަމުންދާ ކިތަންމެ ބައެއް އެޤައުމުގެ ހޮސްޕިޓަލް ތަކުގައި އެބަތިއްބެވެ.

އޭގެތެރެއިން ލޮމްބާޑީގައި ހުންނަ "ކްރެމޯނާ ހޮސްޕިޓަލް"ގެ މާހައުލުގެ ބިރުވެރިކަން އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކިޔައިދީފައެވެ. ލޯމަތިން އެތައް ބައެއްގެ ފަހުނޭވާ ދޫކޮށްލި މަންޒަރު އެފަރާތްތަކުން ސިފަކޮށްދީފައި ވަނީ ހިތްދަތިކަމާއި އަސަރާއެކު އެވެ. އިތުރު އެތައް ބަޔަކު މި ބަލީގައި "ބަންދުވެ" އަޅަމުންދާ ކެކުޅުމާއި ކުރަމުންދާ ވޭނީ އާދޭސްތައް އެ ހޮސްޕިޓަކުގެ މުވައްޒަފުން އަޑު އަހަނީ ކެތްތެރިކަމާއި ހިއްވަރާއެކު އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހެއް ކްރެމޯނާ ހޮސްޕިޓަލްގެ އައިސީޔޫގައި

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އާއިލާތަކަށް އެމީހުންގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލުމުގެ ފުރުސަތެއްވެސް ނުލިބެ އެވެ. އެއީ ވައިރަސް އާއި ގުޅިގެން ގިނަ ފަހަރަށް އާއިލާތައްވެސް ކަރަންޓީނުކޮށްފައި ވުމުންނެވެ. ހޮސްޕިޓަލުގެ މުވައްޒަފުން ބުނެފައިވަނީ، އެ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހަމައެކަނި އަޅާލާނެ ބަޔަކަށް ތިބީ ނަރުހުންނާއި ޑޮކްޓަރުންނެވެ. އެފަރާތްތަކަށްވެސް ބަލި ޖެހިފައިވާ މީހުންނާއި ކައިރިވުމުގެ މާ ބޮޑު ފުރުސަތެއް ނުލިބެއެވެ. ބަލި މީހުން ބައިތިއްބާފައި ތިބެނީ އެތެރެ ފެންނާނެހެން ބިއްލޫރި ޕާޓިޝަން ޖަހައިގެން ތައްޔާރުކޮށްފައި ހުންނަ ވަކި ބައިތަކެއްގެ ތެރޭގައެވެ. އެއީ މި ވައިރަސް އަކީ ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ ވައިރަސް އަކަށް ވުމުންނެވެ.

ކޮވިޑް-19 ޖެހިގެން ކްރެމޯނާ ހޮސްޕިޓަލް ގައި ފަރުވާދެމުންދާ ބައެއް

ކްރެމޯނާ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަރުވާދެމުންދާ ގިނަ ބަޔަކު މަރުވަމުންދާތީ އެ ހޮސްޕިޓަލުން ވަނީ އެކަމަށްވެސް ތައްޔާރުވެފައެވެ. އެގޮތުން މަރުވާ މީހުންނަށް ޚާއްސަކޮށް ބޮޑު ހޯލެއް އެ ހޮސްޕިޓަލުގެ ތެރޭގައި ތައްޔާރު ކުރެވިފައި ވެއެވެ. އެތަނުގެ ތެރޭގައި މި ބަލީގައި މަރުވާ މީހުން ގެންދިއުމަށް ގިނަ އަދަދެއްގެ ސަންދޯއް ތައްޔާރުކޮށް ބަހައްޓާފައި ހުރެއެވެ. ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް ސަންދޯކަށްލައި މި ހޯލަށް ވެއްދުމުން، އެމީހުންގެ ހަށިގަނޑުތައް ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނީ އިޓަލީ އަސްކަރިއްޔާ އިންނެވެ.

ކްރެމޯނާ ހޮސްޕިޓަލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް ގެންދިއުމަށް ތައްޔާރުކޮށްފައި ހުރި ސަންދޯއްތަކެއް

ކްރެމޯނާ ހޮސްޕިޓަލްގެ އައިސީޔޫ އަކީ ކޮވިޑް-19 ފެތުރެން ފެށި ފަހުން އެންމެ ނުރައްކާ އެއް މާހައުލެވެ. ވަކި ޚާއްސަ ހެދުންތަކެއް އަޅައިގެން ނޫނީ އެބަޔަށް ވަނުމަކީ ވެސް މަނާ ކަމެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް ޖެހިފައިވާ އެތައް ބަޔަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވުމާއި އެކު، އޭގެތެރެއިން އެންމެ ސީރިއަސް ހާލުގައި ފަރުވާދޭ މީހުން ތިބެނީ މި ބައިގައެވެ.

އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، "މިއީ އިންސާނުންނަށް ކުރިމަތިވެފައިވާ ބޮޑު ހަނގުރާމައެއް" ނުވަތަ "މުޅި ދުނިޔެއަށް އަރަމުންދާ ސުނާމީއެއް" ކަމަށެވެ. ކޮވިޑް ޖެހޭ މީހުންނަށް ކްރެމޯނާ ހޮސްޕިޓަލްގެ އައިސީޔޫގައި އާންމު ގޮތެއްގައި ފަރުވާދެނީ ދެ ހަފްތާ ވަންދެންނެވެ. އެއަށްފަހު ހާލު ރަނގަޅުވާ މީހުން ވަކި ޚާއްސަ ވޯޑުތަކަށް ބަދަލު ކުރެވޭއިރު، އެ ނަސީބު ލިބެނީ މަދު ބަޔަކަށް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކްރެމޯނާ ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރެއް

އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ކްރެމޯނާ ހޮސްޕިޓަލްގެ އައިސީޔޫގައި ޑޮކްޓަރުން ކޮންމެ ދުވަހަކުވެސް 12 ގަޑިއިރަށްވުރެ ގިނަ ވަގުތު، މި ނުރައްކާތެރި މާހައުލުގައި މަސައްކަތް ކުރަން ޖެހެއެވެ. މި ބައްޔަށް އަދި ސީދާ ފަރުވާއެއް ނެތްނަމަވެސް، "މަސައްކަތް ކުރަނީ ބަލި ޖެހިފައިވާ މީހުން ސަލާމަތްކުރެވޭތޯ" ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 ގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ފަރުވާދޭ، ކްރެމޯނާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ އާދޭހަކީވެސް މި ވައިރަސް އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑޮކްޓަރުން ކުރަމުންދާ އާދޭހެވެ. އެއީ މި ދަނޑިވަޅުގައި ވައިރަސް ފެތުރެން މެދުވެރިވެދާނެ އެންމެހާ ކަންކަމަށް ސަމާލުވެ، އެފަދަ ކަންކަމުން ދުރުވެ ތިބުމެވެ. މިކަމުގެ "ސީރިއަސް" ކަން ހަޤީޤަތުގައި އެނގޭނީ ބައްޔާއި ކުރިމަތިވެ މަރާއި ހަނގުރާމަ ކުރަންޖެހޭ ހިސާބުން ކަމަށް ވާތީ، އެފަދަ ހާލަތަކަށް ދިއުމުގެ ކުރީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އެންމެ މޮޅުގޮތް ކަމަށް ކްރެމޯނާ ހޮސްޕިޓަލްގެ ޑޮކްޓަރުން ވެސް ބުނެއެވެ.

ކްރެމޯނާ ހޮސްޕިޓަލްގެ އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރެއް

ކްރެމޯނާ ހޮސްޕިޓަލް ހުންނަ އިޓަލީ އަކީ މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އެޤައުމަކީ މިހާތަނަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 47000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހިގެން އިޓަލީގެ އެކި ހޮސްޕިޓަލްތަކާއި ކަރަންޓީނު ފެސިލިޓީ ތަކުގައި 2600 އަށްވުރެ ގިނަ މީހުންނަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

އިޓަލީއަކީ އެންމެ ހަލުވިކަމާއެކު މިވަގުތު ކޮވިޑް-19 ފެތުރެމުންދާ ޤައުމެވެ. ދުނިޔޭގެ 185 ޤައުމަކުން މިހާތަނަށް މި ވައިރަސް ފެނިފައިވާއިރު، ގިނަ އަދަދެއްގެ ޤައުމުތަކަށް އިޓަލީން ބަލި ފެތުރިފައިވާކަން ވަނީ ހާމަވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑް-19 އަށް 27000 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ. އޭގެތެރެއިން 11400 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ބަލިން ސަލާމަތްވެފައި ވަނީ 91900 މީހުންނެވެ.