ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ހިޔަނި މުޅި ދުނިޔެއަށް އެޅި، ދުނިޔޭގެ ހުރިހާ ޤައުމަކަށް ނާމާންކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެންމެން ވެސް ދެކެން ބޭނުންވާ ދުވަހަކީ މި ނުރައްކާތެރި ހާލަތުން ދުނިޔެ ސަލާމަތްވާނެ ދުވަހެކެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވުމުގެ ކުރީން، ދުނިޔޭގައި އެންމެ ނުރައްކާތެރި މާހައުލެއްގައި އުޅެމުން ދިޔަ އެއް ބަޔަކީ ޔަޤީނުން ވެސް ފަލަސްތީނުގެ މުސްލިމުންނެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ މުސީބާތުން އެންމެން ސަލާމަތްކޮށްދިނުމަށް އެދި ފަލަސްތީނުގެ ތުއްތު އަންހެން ކުއްޖަކު ދުޢާކުރާ މަންޒަރު ފެންނަ ވީޑީއޯއަކަށް މިހާރު ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ.

ޔަހޫދީންގެ ހަމަލާތަކާއި ކުރިމަތިވެ އެ ބިރުވެރިކަމުން އަދި އަރައި ނުގަނެވެނީސް، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ނުރައްކަލުން ދުނިޔެ ސަލާމަތްކޮށް ދިނުމަށް އެދި ފަލަސްތީނު ތުއްތު ކުއްޖަކު ދުޢާކުރާ ކުރާ މަންޒަރު ފެންނަ މި ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، އެ ވީޑިއޯގައި ފެންނަނީ ވަކި ނަސްލެއް، ވަކި ނަސަބެއް އަދި ވަކި ބައެއް ނެތް ގޮތަށް، ކޮވިޑް-19 އިން މުޅި ދުނިޔެ ރައްކާތެރި ކޮށްދެއްވުން އެދި އެ ތުއްތު ކުއްޖާ ދުޢާ ކުރާ މަންޒަރެވެ.

ފަލަސްތީނަށް ޔަހޫދީންގެ ދުއްތުރާތަކުން ސަލާމަތް ނުވަނީސް، ޔަހޫދީން ހިމެނޭހެން މުޅި ދުނިޔެއަށް އިތުރު ނުތަނަވަސް ކަމެއް ވެރިވެފައި ވުމުން އެކަމުން އެންމެން ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ހަޟްރަތުގައި މި ތުއްތު ކުއްޖާ ދުޢާކުރާ މަންޒަރު ފެނި ގިނަ ބައެއްގެ ލޯބި އެކުއްޖާ އަށް ލިބިފައިވާއިރު، އެފަރާތްތަކުން ބުނަމުންދަނީ މިއީ ދުނިޔެއަށް އެތުއްތު ކުއްޖާ ދައްކައިދިން ލާމަސީލު ނަމޫނާ އެއް ކަމަށެވެ.

އަދި މިފަދަ ހާލަތެއް މެދުވެރިވުމުން މެނުވީ އިންސާނުންނަކީ ހަމަހަމަ ބައެއްކަން ނުދަންނަ ފަރާތްތަކަށް މިއީ އިބުރަތެއް ކަމަށް، އެ ކުއްޖާއަށް ތަޢުރީފުކުރާ ފަރާތްތަކުން ބުނެފައި ވެއެވެ. މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންވެސް މީސްމީޑީއާގެ މަންސަތަކުގައި މި ކުއްޖާގެ ހިއްވަރަށް ސާބަސް ދެމުންދާއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިއީ އެ ތުއްތު ކުއްޖާ ދައްކައިދިން މުސްލިމުންގެ ރީތި ސިފައެއް ކަމަށެވެ.

ފަލަސްތީނުގެ މުސްލިމް އާއިލާތައް އިސްރާއިލް ވެރިންނާއި އަސްކަރިއްޔާގެ ވަކިތަކުގެ ދަށުވެ އަނިޔާ ލިބެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އިސްރާއިލް އިން ފަލަސްތީނުގެ އާންމު ފަރުދުންނަށް އަނިޔާވެރިވެ މުސްލިމުން ޝަހީދު ކުރަމުން ދަނީ، އެ މުސްލިމުންގެ ބިން ފޭރި އެ ބިމަށް އަތްގަދަ ކުރުމަށް ފަހު އެވެ.
މުސްލިމުންގެ އަތުން އެމީހުންގެ ގެތައް ފޭރިގަނެ އަމިއްލަ ވަޒަނުން އެތައް ބަޔަކު ފައްސާލުމަށްފަހު، ދޭތެރެ ދޭތެރެއިން އިސްރާއިލް އިން ދޭ ވަރުގަދަ ހަމަލާތަކުގައި، މިއަދު ކޮވިޑް-19 ޖެހިގެން ޤައުމުތަކުން މަރުވާ މީހުންގެ އަދަދަށްވުރެ އެތައް ގުނަ އިތުރު އަދަދުތަކަށް ފަލަސްތީނުގެ މުސްލިމުން ޝަހީދު ކުރަމުން ދެއެވެ.

ފަލަސްތީނުގެ މުސްލިމުން މި ނުރައްކަލުގައި އުޅެމުން ދަނިކޮށް މުޅި ދުނިޔެއަށް ނުރައްކާކޮށް މިހާރު ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ފަލަސްތީނާއި ދެކޮޅަށް ލާއިންސާނީ އަމަލު ހިންގާ އިސްރާއިލް އިން ވެސް ވަނީ ފެނިފައެވެ. އެޤައުމުން މިހާތަނަށް 880 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން އެކަކު މިހާތަނަށް މަރުވެފައި ވެއެވެ. މިހާތަނަށް ފަލަސްތީނުން ކޮވިޑް-19 ޖެހުނީ ޖުމްލަ 52 މީހަކަށެވެ.

މިހާތަނަށް މި ދެޤައުމު ހިމެނޭހެން ދުނިޔޭގެ 186 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ޤައުމުތަކުން ޖުމްލަ 286000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައި ވާއިރު، އޭގެތެރެއިން 11800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް މިހައި ބޮޑަށް ނުރައްކާ ކުރިމަތި ކުރުވި ވައިރަސް އެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އަލްހަމްދު ﷲ❤️❤️

    76
    3
    • ރީހާން

      ❤️❤️❤️

      14
      1
    • Anonymous

      ޑިސްލައިކް ކުރަނީ ހާދަހާވާ ނުބައި މީހެއް!

      17
      1
  2. ސޮރު

    އާނ ދެން ރަނގަޅުވެދާނެ. ޝުކުރިއްޔާ ތިކުއްޖާއަށް.

    16
    2
    • އީވާން

      އެ ކުއްޖާ ކިހާ ރަގަޅު... އެހެން މީހުންނަށް ހެޔޮ އެދިގެން ދުއާ ކުރީ.... ދުއާ ކުރުން ގިނަ ކުރަން ޖެހޭ....

      21
      1
    • އީތޭން

      އީރާދުއްކުރެއްވިއްޔާ ވަރަށް އަވަހަށް މިހާލަތު ރަގަޅު ވެދާނެ.

      21
      1
  3. ކައިލް

    މާތް ﷲ އެކުއްޖާގެ ދުއާ ގަބޫލް ކުރައްވާށި. އާމީން. އެ ކުއްޖާ ވެސް ދުއާ ކޮށްދިނީ. މާތް ﷲ ހަޞްރަތަށް ގިނަގިނައިން ދުއާ ދެންނެވުން އޮތީ. އާމީން.

    32
    1
    • ކައިލީ

      ކަލޭ ކުރި ދުއާ ނުކުރައްވާނެތަ؟

      3
      1