އެމެރިކާގެ ނިއުޔޯކަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ހަރަކާތްތެރި އެއް ސިޓީއެވެ. އަބަދުވެސް ތޮއްޖެހިފައި އޮންނަ އެތައް ސަރަހައްދެއް ނިއުޔޯކްގައި އޮވެއެވެ. ހަމައެކަނި ނިއުޔޯކްގެ ޓައިމްސް ސްކެއާ އަށް ވެސް އަހަރަކު 50 މިލިއަން މީހުން ޒިޔާރަތް ކުރެއެވެ.

ނިއުޔޯކަށް ފަތުރުވެރިންގެ ގޮތުގައި އަހަރަކު 65.2 މިލިއަން މީހުން ޒިޔާރަތް ކުރެއެވެ. ނަމަވެސް ކޮވިޑް-19 ގެ ނުރައްކާތެރިކަމާއި އެކު ނިއުޔޯކްގެ އެންމެ ބާރު ބޮޑު ސަރަހައްދުތައް ވެސް ވަނީ ފަޅުވެފައެވެ. އެންމެ ބާރުބޮޑު ޓައިމްސް ސްކެއާ އިން ވެސް މިހާރު ފެންނަނީ ވަރަށް މަދު މީހެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ނިއުޔޯކްގެ ގިނަ ވިޔަފާރިތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ހާއްސަކޮށް، އެއްވެސް ރެސްޓޯރެންޓަކުން މިހާރު ޚިދުމަތެއް ނުލިބެއެވެ.

ކޮވިޑް-19 އެމެރިކާގައި ވެސް ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު އިއްޔެ ނިއުޔޯކްގެ އޮފިޝަލުން ވަނީ ނިއުޔޯކް އިން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެކަށީގެންވާ ވަރަށް ވެންޓިލޭޓަރާއި، މާސްކް ލިބުން ދަތިވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މިހާތަނަށް ހަމައެކަނި ނިއުޔޯކުން ވަނީ 15000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. ނިއުޔޯކުން މަރުވި މީހުން މީހުންގެ އަދަދު މިހާރު 114 އަށް އަރައެވެ.

ކޮވިޑް-19 އާއި ދެކޮޅަށް އެމެރިކާ އިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާ ކަމަށާއި އެކަމުގެ ސަބަބުން ދެވަނަ އިޓަލީއަށް އެމެރިކާ ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އޮފިޝަލުން ގެންދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު