ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ލޯބިވާ މީހުން އަބަދަށް ވަކިވެގެން ހިނގައްޖެއެވެ. ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ އާއިލާގެ އެއް މެންބަރަކަށް ބަލި ޖެހިއްޖެނަމަ އެހެން މީހުންގެ ގަޔަށް ވެސް ބަލި އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެއް އާއިލާ އަކުން ގިނަ މެންބަރުންނަށް ބަލި ޖެހެނީ ވެސް މިހެންވެއެވެ.

ކޮވިޑް-19 އެއް އާއިލާއެއްގެ ގިނަ މެންބަރުންނަށް ޖެހުން އެއީ އާއްމު ޚަބަރެއް ނަމަވެސް އެއް އާއިލާއަކުން ގިނަ ބަޔަކު މަރުވެގެންދިޔަ ޚަބަރުތައް ލިބިފައި ވަނީ ނިސްބަތުން ވަރަށް މަދުންނެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާގެ އެއް އާއިލާއެއްގެ ހަތަރު މެންބަރުން މަރުވެ، އަދި ހަމަ އެއާއިލާގެ އިތުރު ތިން މެންބަރުން ކޮވިޑް-19 ޖެހިގެން މިހާރުވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ޚަބަރު މިއަދު ވަނީ ލިބިފައެވެ.

އެމެރިކާގެ ނިއުޖާޒީ އަށް ނިސްބަތްވާ އާއިލާގެ ހަތަރު މެންބަރުން މަރުވެފައިވާކަން "ނިއުޔޯކް ޓައިމްސް" އިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެނޫހުގައި ބުނެފައިވާ ގޮތުގައި މިހާރު ފަރުވާ ދެމުން ގެންދާ އެއާއިލާގެ ތިން މެންބަރުންގެ ހާލު ވެސް ވަރަށް ސީރިއަސް އެވެ. އެމީހުންނަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

އެއާއިލާގެ ޤާނޫނީ ވަކީލް ޕެރަޑިސޯ ފޮޑެރާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މަރުވި އެންމެ ދޮށީ މީހަކީ ގްރާސް ނަމަކަށް 73 އަހަރުގެ އަންހެނެއް ކަމަށާއި އެއީ 11 ކުދިންގެ މަންމައެއް ކަމަށެވެ. އަދި އޭނާއަށް މާމަ ކިޔާ 27 ކުދިން އެބަތިއްބެވެ. ދެން މަރުވީ ފްރާސްގެ ދެދަރިންނާއި، މާމަ ދަރިއެކެވެ. އެއީ 55 އަހަރުގެ ރިޓާ އާއި އިތުރު ދެ ފިރިހެނުންނެވެ. ރިޓާ މަރުވީ ކުއްލިއަކަށް ބަލިވުމަށް ފަހުއެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނީ ވެސް މަރުވި ފަހުން ހެދި ޓެސްޓްތަކުންނެވެ.

ނިއުޖާޒީގެ އޮފިޝަލުން މިހާރު ގެންދަނީ އެއް އާއިލާއެއްގެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވާތީ އެއާއިލާ މެންބަރުންގެ އިތުރު ސިއްހީ މައްސަލަތަކެއް ހުރިތޯ ބަލަމުންނެވެ.

އެމެރިކާ އަކީ މިހާރު ކޮވިޑް-19 އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު