ހޮލީވުޑްގެ މަޝްހޫރު ބަތަލް އާރޯން ޓިވެޓް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިކަން އާރޯން ހާމަކޮށްފައި ވަނީ އިންސްޓާގްރާމް ގައި އޭނާ ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ކޮވިޑް-19 އަށް އޭނާ ޓެސްޓް ކޮށްފައިވަނީ އޭނާގެ ގައިން އެބަލީގެ އަލާމަތްތަކެއް ފެނިގެން ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުކަމަށް ވެސް އޭނާކުރި ޕޯސްޓްގައިި ވަނީ ބުނެފައެވެ. އާރޯން ކަރަންޓީނުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް ބުރޯޑުވޭ ޝޯއަށްފަހުގައެވެ.

އެމެރިކާގައި ކޮވިޑް-19 އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންއެވެ. މި ބަލީގައި ސާރސް އިން ފެނިގެންދިޔަ ބައެއް އަލާމަތްތައް ފެނިގެންދެއެވެ. އެގޮތުން ކޮވިޑް-19 ޖެހިގެން ދޮށީއުމުރުގެ އިތުރުން ގިނަ ޒުވާނުންތަކެއް އަންނަނީ ނޭވާލާ ނިޒާމުގެ ބާރު ދަށްވުމުގެ ސަބަބުން މަރުވަމުންނެވެ. އާރޯން ބުނިގޮތުގައި އޭނާ ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ވަނީ ވަހައާއި ކާއެއްޗެހީގެ ރަހައަށް ބަދަލު އަންނަން ފެށުމުން ކަމަށެވެ. އެއީ މުމްބާއީ ޑޮކްޓަރުންނަށް ވެސް ފާހަގަކުރެވިފައިވާ އަލާމާތެކެވެ.

އޭގެއިތުރުން، އާރޯން ވަނީ އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ސެލްފް ކަރަންޓީނުގެ މުހިއްމުކަން ކިޔާދީފައެވެ. އެ ބަލި ހަލުވިކަމާއި އެކު އެމެރިކާގައި ފެތުރެމުންދާތީ އެ ގައުމުގެ ބައެއް ސަހަރައްދުތައް ވަނީ ލޮކްޑައުން ކޮށްފައެވެ.

އާރޯންގެ އިތުރުން ހޮލީވުޑްގެ ތަރި ޓޮމް ހޭންކްސް، ރީތާ ވިލްސަން ޖޭމްސް ބޮންޑްގެ ތަރި އޮލްގާ ކުރީލެންކޯ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މުޅި ދުނިޔެއިން 196 ގައުމަކުން ކޮވިޑް-19 ފެނިފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 387،417 ވަނީ އަރާފައެވެ. 16،758 މީހުން މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައިވާ އިރު 102،404 މީހުން ވަނީ ރަނގަޅުކުރެވިފައެވެ.