ކޮވިޑް-19 ގެ ވޭން ތަހައްމަލް ކުރަމުން ގެންދާ ތިންލައްކަ އާއި ގާތްކުރާ އަދަދެއްގެ މީހުން މިހާރު ވެސް އެބަތިއްބެވެ. ބަލި ފުރަތަމަ ފެތުރެން ފެށިއިރު މިއީ ސިއްހަތު ރަނގަޅު، އަދި ޒުވާނުންނަށް މާބޮޑު ނުރައްކަލެއް އޮތް ބައްޔެއް ނޫން ކަމަށް ލަފާކުރެވުނު ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް-19 ޖެހިއްޖެނަމަ ޒުވާނުންގެ ހާލަތު ވެސް ނުރައްކާތެރި ހާލަތަކަށް ބަދަލު ކޮށްލައެވެ. އެކަމުގެ ހެއްކަކަށް އިނގިރޭސިވިލާތުގެ އުމުރުން 28 އަހަރުގެ މާކް ސްޓަބްސްގެ ވާހަކަ ފުދެއެވެ.

"ކޮވިޑް-19 ފެތުރެމުންދާ ކަން އަހަރެންނަށް ވެސް އެނގޭ. ނަމަވެސް އަހަރެންނަށް ވެސް އަދި ގިނަ ޒުވާނުންނަށް ވެސް ހީވެފައި އޮތީ މިއީ ޒުވާނުންނަށް މާނުރައްކާތެރި ބައްޔެއް ނޫނޭ. އާދައިގެ ރޯގާއެއް ޖެހިފައި ރަނގަޅު ވެދާނޭ. ނަމަވެސް ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫން." މާކް ކިޔައި ދިނެވެ.

މާކް ބުނީ އޭނާ އަށް ފުރަތަމަ ޖެހުނީ އާދައިގެ ރޯގާ އެކެވެ. ހުން އަންނަން ފަށައި ހުން 40 ޑިގްރީއަށް ވުރެ މަތި ވުމުން ވެސް އެއީ ނުރައްކާތެރި ކަމެއްކަން އިހްސާސްއެއް ނުކުރެވެއެވެ.

"އެކަމަކު ބަލިވިތާ ތިން ދުވަސް ވީއިރު އަހަރެންގެ ހާލަތު ވަރަށް ގޯސްވެއްޖެ. ގައިގަ ރިއްސާއިރު ހީވަނީ އަހަރެން އޮތީ ބޮޑު އެކްސިޑެންޓެއްގައި ޒަހަމްވެފައި ހެން. އެނދުމަތީގައި އޮވެފައި ފުރޮޅި ނުލެވޭ ވަރަށް އަހަރެންގެ ގައިގަ ދިޔައީ ރިއްސަމުން." މާކް ކިޔައި ދިނެވެ.

އެހައި ހިސާބުން މާކް ހޮސްޕިޓަލަށް ގެންދިޔައެވެ.

މާކް އަކީ އޭގެ ދުވަސްކޮޅެއް ކުރިން "އަޔަން މޭން" ރޭހުގައި ބައިވެރިވެ އެ ރޭސް ފުރިހަމަ ކޮށްފައި ހުރި ވަރަށް ފިޓް މީހެކެވެ. އެހެންކަމުން ކުއްލިއަކަށް އޭނާ އަށް މިދިމާވި ހާލަތުން އިތުރު ބިރުވެރިކަމެއް އޭނާ އަށް އިހްސާސް ކުރެވެމުން ދިޔައެވެ.

މާކް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއިރު އޭނާ ބުނި ގޮތުގައި ނޭވާ ލާން ވެސް ދަތިވެއްޖެއެވެ.

"އަހަރެންނަށް އޭރު އިހްސާސް ކުރެވެމުން ދިޔައީ އަހަރެން ދެން މާގިއިރު ދުނިޔޭގައެއް ނޯންނާނެއޭ. އަހަރެންނަށް އެއްވެސް ހަރަކާތެއް ނުކުރެވޭ. އަތް ވެސް ހިއްލާ ނުލެވޭ. އިނގިއްޔެއް ވެސް ހަރަކާތް ކޮށް ނުލެވޭ. ނޭވާ ލުން ބޮޑު ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވި. އޮކްސިޖަން ނުގުޅައި އަހަރެންނަށް ނޭވައެއް ނުލެވޭ. އެއީ ބިރުވެރި ވަގުތުތަކެއް." މާކް ކިޔައި ދިނެވެ.

13 ދުވަހު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މާކް މިހާރު ވަނީ ދޫކޮށްލާފައެވެ. މިހާރު މާކްގެ ނަސޭހަތަކީ ކޮވިޑް-19 އަކީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކި އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. އެންމެން ގޭގައި މަޑުކުރާށެވެ. ޑޮކްޓަރުން ދެމުން ގެންދާ ލަފާ ގަބޫލު ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މާކް އަށް ވިސްނިއްޖެ މިހާރު، ތިޔަބޭފުޅުންވެސް މާކް އަށް ވީގޮތް ވުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން އުޅެންވީ އެހެންވީމަ.